ހަބަރު

އަދީބުގެ ޕްލޭން ފެއިލްކޮށްލީ އިންޑިއާގެ ފަޅުވެރިޔާ!

ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ޕްލޭން ފެއިލްކޮށްލީ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިޔާ ކަމަށް އެ ގަައުމުގެ ނޫސްތަކުން ބުނެފި އެވެ.

އަދީބު ދަތުރުކުރި ކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު ރާއްޖޭގައި މަޑުކުރީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ އެވެ. އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ހުޅާމާލެ ބޭރުގައި އޮތް ކަމަށް ދައްކަ އެވެ.

އިންޑިއާ ފުލުހުން އަދީބު މިއަދު ހިފަހައްޓާފައިވަނީ ޓުޓިކޮރިންނެވެ. އޭރު އޭނާ ހުރީ އެ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި ބޯޓުގަ އެވެ. ބޯޓުގައި ދެން ތިބީ އިންޑިއާގެ އެއް ފަޅުވެރިޔަކާއި އިންޑޮނޭޝނިއާގެ އަށް ފަޅުވެރިންނެވެ.

މުންބާއީ މީރާގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން އިންޑިއާއަށް ބޯޓު ފެށި ދަތުރުގައި ކުރޫއިންގެ ތެރޭގައި އިތުރު މީހަކު ހުރުމުން އިންޑިއާގެ ފަޅުވެރިޔާ އެކަން ބޯޓުގެ އެޖެންޓަށް އެންގި އެވެ. އެޖެންޓް އެ މައުލޫމާތު ވަގުތުން އިންޑިއާގެ ކަސްޓަމްސް އަދި ކޯސްޓްގާޑަށް އެންގި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެ ނޫހުން ވެސް ބުނި ގޮތުގައި އިންޑިއާ ފުލުހުން އަދީބު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ހިފަހައްޓައިގެން ދަނީ ސުވާލު ކުރަމުންނެވެ. އަދި އަނބުރާ ރާއްޖެ ފޮނުވާލާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

މިކަމާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަދީބު ފިލައިގެން ކަނޑު މަގުން ރާއްޖެއިން ބޭރަށް ދަނިކޮށް އިންޑިއާގެ ފުލުހުން ހިފަހައްޓާފައި މިވަނީ، އިއްޔެ މެންދުރުފަހު ތަހުގީގަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނިކޮށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށެވެ.

ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައިމިވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.