ވިޔަފާރި

އޮފީސްތަކުގެ ބަޖެޓު ފޮނުވުމުގެ ސުންގަޑިއަކީ މިމަހުގެ 25

Aug 2, 2019

ސަރުކާރުގެ އޮފީސްތަކުން 2020 އިން 2022 ވަނަ އަހަރަށް ކަނޑައަޅާ، ބޭސްލައިން ބަޖެޓު މިމަހުގެ 25 ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން އެދިއްޖެ އެވެ.

ބޭސްލައިން ބަޖެޓަކީ ސަރުކާރުގެ އޮފީސް ތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކާއި މަޝްރޫއުތަކަށް ހޭދަވާނެ ކަމަށް ލަފާކުރާ ހަރަދުތަކުގެ މައްޗަށް އެކުލެވޭ ބަޖެޓެކެވެ. މި ބަޖެޓުގައި އަލަށް ފަށާ މަޝްރޫއުތަކާއި އަލަށް ނަގާ މުވައްޒަފުންނަށް ހިންގާނެ ހަރަދު ނުހިމެނޭނެ އެވެ. ފިނޭންސް މިނިސްޓްރީން އޭޕްރީލް 8 ގައި ވަނީ ނިއު ޕޮލިސީ އިނީޝިއޭޓިވް ނުވަތަ އަލަށް ފަށަން ކަނޑައަޅާ މަޝްރޫއުތަކުގެ ބަޖެޓު ހުށަހެޅުމުގެ ފުރުސަތު އޮފީސްތަކަށް ދީފަ އެވެ. އަދި މި ފަހަރު ހުޅުވާލާފައި މި ވަނީ މިހާރު ކުރިއަށް ގެންދާ މަޝްރޫއު ތަކަށް ބޭނުންވާ ބަޖެޓު ހޯދުމަށް އެދުމުގެ ފުރުސަތެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހޯދަން ހުށަހަޅަން ވާނެ ކަމަށާ، 2020 ވަނަ އަހަރު ބަޖެޓު ދޫކުރަން ހަމަޖެހިފައިވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކައުންސިލް ތަކަށް ބަޖެޓު ތައްޔާރު ކުރަން ވަކި ސީލިންގް އެއް ދޭން ހަމަޖެހިފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށްޓަކައި ހުށަހަޅާ، މެދުރާސްތާގެ ބަޖެޓުގެ ބޭސް ލައިން ބަޖެޓު މިމަހުގެ 25 ގެ ކުރިން އެ މިނިސްޓްރީއަށް ލިބިގެން ނޫނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހަށް ބަޖެޓު މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ފިނޭންސް މިނިސްޓްރީ އަށް ބަޖެޓު ނުފޮނުވާ އޮފީސްތަކުގެ ބަޖެޓު އެ މިނިސްޓްރީން ތައްޔާރު ކުރުމަށް ފަހު ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސަރުކާރުން ދަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ވެސް ތައްޔާރު ވަމުންނެވެ. މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު 30.2 ބިލިއަން ރުފިޔާގެ އަށް އަރަ އެވެ. އަދި އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓު ދަނީ މަތިވަމުންނެވެ.