ހަބަރު

ބޭރުގެ ތިން ކޮލެޖަކުން ސްކޮލަޝިޕްގެ ފުރުސަތު

ރާއްޖެއިން ބޭރުގެ ތިން ކޮލެޖެއްގައި ކިޔަވަން ސްކޮލަޝިޕްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ހުޅުވާލާފައިވަނީ މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީއާ އިންޑިއާގައި ދާނިޝް އަހުމަދު ކޮލެޖް އޮފް އިންޖިނިއަރިން އަދި މެލޭޝިއާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަސިޓީގެ ސްކޮލާޝިޕް ފުރުސަތުތަކެވެ.

ޓެއިލާސް ޔުނިވަސިޓީއަށް ފުރުސަތު ހުޅުވާލި ދާއިރާތަކަކީ މާސްޓާ އިން އިންޓަނޭޝަނަލް ހޮސްޕިޓޭލިޓީ މެނޭޖްމެންޓް، މާސްޓާ އިން ފައިނޭސް، މާސްޓާ އިން މެނޭޖްމެންޓް އަދި މާސްޓާ އޮފް ލޯ ގެ ދާއިރާއިން ނެވެ. ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހަށް ހުޅުވާލާފައިވެ އެވެ.

މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަސިޓީ އަށް ޑިޕްލޮމާއާ ބެޗެލާސްގެ ގިނަ ދާއިރާތަކަކުން ފުރުސަތު ހުޅުވާލާފައިވެ އެވެ. އެ ޔުނިވާސިޓީގެ ބެޗްލާސް ޑިގްރީ އަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ބެޗްލާސް ޑިގްރީގެ 100 ޕަސެންޓު ޓިއުޝަން ފީ އާއި 50 ޕަސެންޓު ޓިއުޝަން ފީ ހިލޭ ލިބޭނެ އެވެ. އަދި ބެޗްލާސް ޑިގްރީ 30-20 ޕަސެންޓު ޓިއުޝަން ފީ ހިލޭ ލިބޭ ފުުރުސަތެއް ވެސް ހުޅުވާލާފައިވެ އެވެ. ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހަށް ހުޅުވާލާފައިވެ އެވެ.

އިންޑިއާގެ ދާނިޝް އަހުމަދު ކޮލެޖް އޮފް އިންޖިނިއަރިން އިން ހުޅުވާލާފައިވަނީ ޓިއުޝަން ފީ ހިލޭ ދޭ ސްކޮލާޝިޕް އެކެވެ. މި ޔުނިވަސިޓީ އަށް ފުރުސަތު ހުޅުވާލާފައިވަނީ ކޮމްޕިއުޓާ ސައިންސް އެންޑް އިންޖިނިއަރިން، ސިވިލް އިންޖިނިއަރިން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އަދި އިލެކްޓްރޯނިކް އެންްޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގެ ދާއިރާ ތަކަށެވެ. މި ޔުނިވަސިޓީ އަށް ފޯމް ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައި އެވެ. މި ޔުނިވާސިޓީގެ ސްކޮލަޝިޕް އަށް ފޯމް ހުށަހާޅާ ފަރާތްތަކުގެ ތެރެއިން ހޮވާނީ ފަސް ފަރާތެކެވެ.