ހަބަރު

ހެލްތު މިނިސްޓަރު އަމީން މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިނިސްޓަރު އަމީންއާ ކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހަޅުއްވާފައިވާ ދެ ސުވާލު މަދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަމީންއާ ސުވާލު ކުރެއްވުމަށް އާދަމް ޝަރީފު ހުށަހެޅުއްވީ އޭނާ ތަމްސީލު ކުރައްވާ ދާއިރާގަައި ހިނގާ ދެ މަޝްރޫއަކާ ގުޅޭ ގޮތުންނެވެ. އެއީ ރ. މަޑުއްވަރީގެ ސިއްހީ މަރުކަޒު އާ އިމާރާތުގެ މަސައްކަތް ފެށޭނެ ތާރީހަކާއި މަސައްކަތް ނިމި ހިދުމަތް ދޭން ފެށޭނެ ތާރީހާ ގުޅޭ ގޮތުންނާއި ރ. މީދޫގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތް ފެށޭނެ ތަރީހަކާ ގުޅޭ ގޮތުންނެވެ.

އަމީންގެ އިތުރުން، މާލޭގެ ޕާކިން މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ކުރައްވާ ސުވާލު އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ. އެ ސުވާލު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.