ހަބަރު

ބީއެމްއެލްއިން އަލިފުށީގައި އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އަލިފުށީގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމްކޮށްފި އެވެ.

އެއޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. އެބޭންކުން އަލިފުށީގައި ގާއިމް ކުރި އެ ހިދުމަތާއެކު ރ.އަތޮޅުގައި މިހާރު ދެ ބްރާންޗް މެދުވެރިކޮށް ބޭންކިން ހިދުމަތް ދެމުންގެންދެއެވެ.

މީގެ އިތުރުން ދެ ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށްވެސް ބޭންކިންގެ ހިދުމަތް ދެމުންގެންދާ ކަމަށާއި، މިދިޔަ އަަހަރު، ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އޭޖެންޓް މެދުވެރިކޮށް ޖަމާކުރުމުގެ ހިދުމަތްވެސް ވަނީ ތައާރަފު ކުރެވިފައި ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

އެ ހިދުމަތާއެކު ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި، ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން ދުވާލަކަށް 10،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

"މި ހުޅުވުނު ޒަމާނީ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަލިފުށީގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.