ވިޔަފާރި

ޗައިނާ މީހުން ބޭރުގައި ޗުއްޓީ ހޭދަ ކުރަން 130 ބިލިއަން ޑޮލަރު

Aug 5, 2019

ޗުއްޓީ ހޭދަކުރަން ގައުމުން ބޭރަށް ދަތުރުކުރި ޗައިނާ މީހުން މިދިޔަ އަހަރު 130 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޗައިނާ ޓޫރިޒަމް އެކަޑަމީ އިން ކޮށްފައިވާ ދިރާސާ އިން ދެއްކި ގޮތުގައި އެ ގައުމުން ބޭރުގައި ޗުއްޓީ ހޭދަކުރަން ދަތުރު ކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު 149 މިލިއަން މީހުން ވަނީ އެ ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރަން ދަތުރުކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރު ގައުމުން ބޭރަށް ދަތުރުކުރި މީހުންގެ އަދަދާ އަޅާއިރު 14.7 ޕަސެންޓް އިތުރުވުމެކެވެ. އަދި މި މުއްދަތުގައި ޗައިނާ މީހުންގެ ޗުއްޓީއަށް ހޭދަކުރި ފައިސާގެ އަދަދު ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ.

މި ދިރާސާގައިވާ ގޮތުން ޗައިނާ މީހުން އެންމެ ގިނަ އިން ދަތުރު ކުރަނީ އޭޝިއާ ބައްރުގައި ހިމެނޭ ގައުމު ތަކަށެވެ. ޗައިނާ މީހުންގެ 89.02 ޕަސެންޓް އޭޝިއާ ބައްރުގެ ގައުމުތަކުގައި ޗުއްޓީ ހޭދަކުރެ އެވެ. އަދި ޔޫރަޕުގައި ޗުއްޓީ ހޭދަކުރަނީ އެންމެ 3.83 ޕަސެންޓް މީހުންނެވެ. އަދި ޗައިނާ މީހުންގެ މެދުގައި އެންމެ މަގުބޫލު ގައުމުތަކަކީ ހޮންކޮންގް އާއި މަކާއޯ އަދި ތައިލެންޑާއި ވިއެޓްނާމް އަދި ދެކުނު ކޮރެއާގެ އިތުރުން އެމެރިކާ އާއި ސިންގަޕޫރު އަދި މެލޭޝިއާ އެވެ.

ރާއްޖެއަކީ ވެސް ޗައިނާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި އަހަރުގެ މިހާތަނަށް ޗައިނާ އިން ރާއްޖެ އަށް 140,265 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 127,412 މީހުންނާ އަޅާ ބަލާއިރު 10.1 ޕަސެންޓް އިތުރުވުމެކެވެ.