ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ގޮސްދާނެތީ ބަންދު އަމުރަކަށް އެދުމުން އެ އަމުރު ސުޕްރީމް ކޯޓުން ނެރެދީފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް، ޕީޖީ އައިޝަތު ބިޝާމް ވިދާޅުވުމުން އެކަމަށް ސުޕްރީމް ކޯޓުން ރައްދު ދީފި އެވެ.
ޕީޖީ ބިޝާމް ވިދާޅުވެފައި ވަނީ ހުރިހާ ހުކުމްތަކަކުން މިނިވަންވުމުން އަދީބު ފިއްލާނެ ކަމުގެ ބިރު އޮތް ކަމަށާއި އެހެންކަމުން އޭނާ ބަންދު ކުރުމަށާއި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ކޯޓުން ހަމައެކަނި ނެރެފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކަމަށާއި އޭނާ ބަންދު ކުރަން އަމުރު ނެރެ ނުދިން ކަމަށް ބިޝާމް ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕީޖީ އިން އަދީބު ބަންދުކޮށްދިނުމަށް އެދި އެ ކޯޓަށް މައްސަލަ ހުށަހެޅި އިރު އޭނާ ހުންނެވީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންވެ އަދީބުގެ ޣައިރު ހާޒިރުގައި ބަންދާ މެދު ގޮތެއް ކަނޑައެޅުމަކީ ޝަރުއީ އަދި ގާނޫނީ އިޖުރާއަތްތަކާ އެއްގޮތް ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އޭގެ އިތުރުން އަދީބު ބަންދުކޮށްދިނުމަށް ޕީޖީ އިން އެދުނު އިރު އޭނާ އޭރުވެސް ދިޔައީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށާއި އެ ހާލަތުގައި ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެހެންކަމުން އަދީބަށް އިތުރަށް ބަންދުގެ މުއްދަތެއް ޖެހުމުގެ ބަދަލުގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. އެއީ އަދީބުގެ މައްސަލާގައި އެ ވަގުތު އެޅެން އޮތް ރައްކާތެރިކަމުގެ ހަމައެކަނި ފިޔަވަޅު ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުން ބުނީ އަދީބު ހުކުމް ތަންފީޒުކޮށް ނިމުމުން އެކަން ޕީޖީގެ ފަރާތުން އެ ކޯޓަށް އަންގާފައި ނުވާ ކަމަށެވެ. އަދި އޭނާ މިނިވަންވުމަށް ފަހު އޭނާ ބަންދުކޮށްދިނުމަށް އިތުރު އަމުރަކަށް އެދި ޕީޖީ އިން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެސް ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.