މެންޗެސްޓާ ޔުނައިޓެޑް

އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މެގުއަޔާ ޔުނައިޓެޑަށް

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލެސްޓާ ސިޓީގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއަޔާ މެންޗެސްޓާ ޔުނައިޓަޑަށް ބަދަލު ވެއްޖެ އެވެ.

ޔުނައިޓަޑްގެ ޑިފެންސް ރަނގަޅު ކުރުމަށް، ޔުނައިޓަޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ އެންމެ ބޭނުންވާ ކުޅުންތެރިޔަކީ މެގުއަޔާ އެވެ. މިއަދު އޭނާ ވަނީ ޔުނައިޓަޑްގެ މެޑިކަލް ފުރިހަމަ ކޮށްފަ އެވެ.

ވާދަވެރި މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިވި، މެގުޔުއާގެ ޓްރާންސްފާ އަށް 80 މިލިއަން ޕައުންޑް ދޭން ޔުނައިޓަޑުން ވަނީ އެއްބަސްވެފަ އެވެ. އޭގެ ކުރިން އެންމެ ބޮޑު އަގުގައި ޑިފެންޑަރެއްގެ ޓްރާންސްފާ ހެދީ ލިވަޕޫލުންނެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ސައުތު ހެމްޓަން އިން ހޮލެންޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ލިވަޕޫލުން ގެނައީ 75 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ.

މިއަދު ޔުނައިޓަޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި މެގުއަޔާ ތައާރަފް ކުރާނެ އެވެ. ޕްރީ ސީޒަން ގައި އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސޮލްޝަޔާ ބުނީ އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. ކޯޗް ބުނީ ލެސްޓާ ސިޓީގެ ޕްރީ ސީޒަން ޕްރޮގްރާމްގައި ބައިވެރިވެފައި ވުމުން މެގުއަޔާގެ ކޮންޑިޝަން ރަނގަޅު ވާނެ ކަމަށެވެ.