ވިޔަފާރި

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް އަންނަ މަހު ފަށަނީ

Aug 6, 2019
2

މަޓާ އެއާގެ ސީޕްލޭން ދަތުރުތައް އަންނަ މަހު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން ސިވިލް އޭވިއޭޝަނުން ނަގަން ޖެހޭ ހުއްދަތައް ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހުއްދަތައް ނަގައި އަންނަ މަހު ދަތުރު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންޓާ އިން ސީޕްލޭންގެ ހިދުމަތް ފެށުމުގެ ގޮތުން ހަތަރު ބޯޓެއް ގެންނާނެ އެވެ. އަދި ހަތަރު ބޯޓާއެކު ދަތުރު ފަށައި މި އަހަރު ނިމުމުގެ ކުރިން 10 ބޯޓު ގެންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މަންޓާ އެއާ އިން މިހާރު އުދުހެނީ ދަރަވަންދޫ އާއި ކުޑަހުވަދޫ އަށެވެ. މަންޓާ އެއާއިން މި ދަތުރުތަކުގައި ބޭނުން ކުރަނީ "އޭޓީއާރް 600-72" މަރުކާގެ މަތިންދާ ބޯޓެވެ. އަދި އެ ކުންފުނިން ދަނީ ތަފާތު ހިދުމަތްތަކެއް ދެމުންނެވެ. މިގޮތުން ދުރާލާ ސީޓް ބުކް ކޮށްލުމާއި ދުރާލާ ޓިކެޓު ނެގުމުން ބޮޑުތަނުން އަގުހެޔޮވުން ފަދަ ބަދަލުތައް ގެނެސްފައިވެ އެވެ.

ރާއްޖޭގައި މިހާރު ސީޕްލޭންގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޓީއެމްއޭއިންނެވެ. އަދި ފްލައިމީ އިން ވެސް ސީޕްލޭންގެ ހިދުމަތް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.