ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ކެލާގައި އޭޓީއެމް ހިދުމަތް ދޭން ފަށަނީ

ބެންކް އޮފް މޯލްޑިވްސް އިން ހއ. ކެލާގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ބުނެފި އެެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިންގެ ހިދުމަތް ފުޅާކުރަމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ކެލާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ ކަމަށާއި ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އަންނަ އަލްހާ އީދު ބަންދަށް ފަހު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި އޭޓީއެމް އާއެކު ހއ. ގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދޭ ހަތަރު ރަށް ހުންނާނެ އެވެ. ހއ. ގައި ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބެންކުގެ ތިން ބްރާންޗް މެދުވެރިކޮށް މިހާރު ހިދުމަތް ދެ އެވެ.

"އީދު ބަންދަށްފަހު ހުޅުވޭ ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ކެލާގައި އޭޓީއެމް ހިދުމަތް ދޭން ފެށޭނެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ. މިއާއެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ" ބީއެމްއެލްގެ އޮފިޝަލެއް ވިދާޅުވި އެވެ.

ބެންކުން އިތުރަށް ބުނީ، އެ އަތޮޅުގެ ބާރަށުގައިވެސް އޭޓީއެމްގެ ހިދުމަތް ދިމުނަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އަހަރު ބީއެމްއެލް އިން ވަނީ ފަސް ރަށެއްގަައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން ފަށާފަ އެވެ. މީގެ ތެރޭގައި ރ. އަލިފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ލ. މާވަށް، އަދި ގދ. ގައްދޫ ހިމެނެ އެވެ. މިދިޔަ އާދިއްތަ ދުވަހު އަލިފުށީގައި ގާއިމްކުރެވުނު އޭޓީއެމް ހިދުމަތާއެކު މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރެވިފައިވާ ބީއެމްއެލް އޭޓީއެމްގެ އަދަދު 108 އަރަ އެވެ.