އިންޑިއާގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ނިންމުމުމަކީ އެ ގައުމުގެ އެތެރޭގެ ކަމެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓްތަކާ ދެމެދު އޮންނަ ތަފާތުތަކަށް ބާރު ލިބޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ ވަނީ އުވާލައިފަ އެވެ. އެ ނިންމުމަކީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ މަދުކޮށް، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް ގިނަ ގައުމުތަކުން ދަނީ އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން ކަޝްމީރުގެ ހަމަޖެހުން ގެއްލި ޓެރަރިސްޓް ހަމަލާތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމުތަކުން ވަނީ ބުނެފަ އެވެ.
އަދި އެ ނިންމުމަކީ އިންޑިއާއަކީ ހިންދޫ ގައުމެއްގެ ގޮތުގައި ހެދުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޭވުމެއް ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.
ނަމަވެސް، އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ ވަނީ އުވާލުމަކީ އިންޑިއާގެ އެތެރޭގެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.
"އަދި ކޮންމެ މިނިވަން މުސްތަގިއްލު ގައުމަކަށް އެ ގައުމެއްގެ ގާނޫނުތައް ބަދަލުކުރަންޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ ހައްގު އޮންނާނެކަމަށް ގަބޫލުކުރަން،" ފޮރިން މިނިސްޓްރީން ނެރުނު ދެ ފޮޅުވަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމޫ އެންޑް ކަޝްމީރާށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ. އެ ނިންމުމާއެކު މުޒާހަރާކުރަން ފެށުމުން 10،000 ސިފައިން ކަޝްމީރަށް ފޮނުވައި، އެތަނުގެ މުސްލިމް ސިޔާސީ ލީޑަރުން ވަނީ ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގަފާނެކަމަށް ބުނެ މުވާސަލަތީ ހިދުމަތްތައް ކަނޑާލައި މުޅި ސަރަހައްދުވަނީ އިންޑިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ.