ހަބަރު

އޭސީސީއަށް އައްޔަން ކުރަން ފަސް ނަމެއް ފާސްކޮށްފި

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރަން ފަސް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ޖޫން މަހު 24 ވަނަ ދުވަހުގަ އެވެ. އެއީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމްގައި ހުންނެވި ހަސަން ލުތުފީގެ އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. އެގޮތުން އޭސީސީގެ މެންބަރު ކަމަށް 12 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ވެސް ހިމެނެ އެވެ.

އެ ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގައި މިއަދު ވަނީ ވަކިވަކި ނަންތައް ފާސް ކުރުމަށް ވޯޓަށް އަހައިފަ އެވެ. އެގޮތުން އޭސީސީއަށް ފަސް ނަމެއް މަޖިލީހުން މިއަދު ފާސް ކުރި އެވެ. އެއީ ގ. ވަޑިނޮޅުގެ ފާތިމަދު އަނޫލާއާ، ދަފްތަރު ނަމްބަރު 3654 އިބްރާހިމް ޝަކީލްއާ، ޅ. ހިންވަރު ރޯލްގޯލްގެ، އައިޝަތު އަބްދުﷲގެ އިތުރުން ސ. ހިތަދޫ ނެދުންގެ، މަރިޔަމް ޝިއުނާގެ އަދި ދަފްތަރު ނަމްބަރު 3366 އަލީ އަޝްރަފް އެވެ.

އޭސީސީއަށް ކުރިމަތިލި މީހުން

  • 1. ފާތިމަދު އަނޫލާ، ގ. ވަޑިނޮޅުގެ
  • 2. އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ
  • 3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް
  • 4. އިބްރާހިމް ޝަކީލް، ދަފްތަރު ނަމްބަރު 3654
  • 5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންވަރު
  • 6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ
  • 7. މުޖުތަބާ ހަމީދު، ދީފްރޮމްގެ، ރ. ކަދޮޅުދޫ
  • 8. އަލީ އަޝްރަފު، ދަފްތަރު ނަމްބަރު 3366
  • 9. މަރިޔަމް އަހުމަދު. ގ. ޓުރަސްޓްހޯމް
  • 10. ނިޔާޒު އިބްރާހިމް، ބްރޫމް، ގދ. ތިނަދޫ (ކުރީގެ އޮޑިޓާ ޖެނެރަލް)
  • 11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ކަނދޮޅުދޫ
  • 12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން އެ 12 މީހުންގެ ނަން ދިރާސާކޮށް އެ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، އެންމެ މަތިން މާކްސް ލިބުނީ އިބްރާހިމް ޝަކީލަށެވެ. އޭނާއަށް 77.7 މާކްސް ލިބުނެވެ. ދެން އެންމެ މަތިން ލިބުނީ އާދަމް ޝާމިލް އަށެވެ. އެއީ 77.3 މާކްސް އެވެ. އެކަމަކު މަޖިލީހުގެ ތަޅުމުން އޭނާއަށް އޭސީސީއަށް އައްޔަން ކުރަން ތާއީދެއް ނުލިބުނެވެ.

އޭގެ އިތުރުން ފާތިމަތު އަނޫލާއަށް ލިބުނީ 77.2 މާކްސް އެވެ. މަރިޔަމް ޝިއުނާއަށް 77 މާކްސް އަދި އާއިޝަތު އަބްދުﷲ އަށް 75 މާކްސް ލިބުނެވެ. ނިޔާޒްއަށް ކޮމިޓީ މަރުހަލާގައި ވެސް އެކަށީގެންވާ މާކްސްއެއް ނުލިބެ އެވެ. އޭނާއަށް ލިބުނީ 67.5 މާކްސް އެވެ.