ހަބަރު

ޔާމީންގެ މަރުގެ މައްސަލަ ލަސްވަނީ ދައުލަތާ ހެދި: ވަކީލުން

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ލަސްވަނީ ދައުލަތުގެ ފަރާތުން އަމަލު ކުރަމުންދާ ގޮތުން ކަމަށް ބުނެ ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިއަދު ކުރިޔަށް ގެންދިޔަ އިރު، ދައުލަތުގެ ފަރާތުން ހާޒިރު ކުރަން ޖެހޭ ހެކިންގެ ތެރެއިން ހާޒިރު ކުރެވުނީ ދެމީހުންނެވެ. އޭގެ ކުރީ ޝަރީއަތުގައި ވެސް ހާޒިރު ކުރަން ނިންމި ފަރާތްތަކުގެ ތެރެއިން ހާޒިރު ކުރެވުނީ މަދު މީހެކެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގެ ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ އެކަމުގެ ޝަކުވާކޮށްފަ އެވެ. އެގޮތުން ދައުލަތުން ހެކިން ހާޒިރު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ދިފާއީ ވަކީލުން ވަނީ ބުނެފަ އެވެ.

ކުރިމިނަލް ކޯޓުގެ އެ މައްސަލަ ބައްލަވާ ގާޒީ މީގެ ކުރިން ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ދިގުދެމިގެންދަނީ އެކި ސަބަބުތަކާހުރެ ވަކީލުން ހާޒިރު ނުވުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވާ ދިފާއީ ވަކީލުން ވިދާޅުވީ، އެގޮތަށް ކަން ހިނގާފައިވަނީ އެންމެ ފަހަރަކު ކަމަށާއި، އެފަހުން މައްސަލަ ލަސްވެގެން މިދަނީ ދައުލަތުން ހެކިން ހާޒިރު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާތީ ކަމަށެވެ.

ދިފާއުގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މައްސަލަ ލަސްވަމުން ދަނީ ވަރަށް ގިނަ ސަބަބުތަކާއި ހެދި ކަމަށާއި، ހެކިން ހާޒިރު ކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ވަކީލުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ޖަޒީރާ ވަންތަ ގައުމަކަށްވެފައި، މައްސަލައަށް ދެ އަހަރު ވެފައިވާއިރު، ހެކިވެރިންގެ ތެރެއިން ބައެއް ފަރާތްތަށް މާލެއިން ބޭރުގައި އުޅެމުންދިއުމުގެ ސަބަބުންވެސް ހާޒިރުކުރުމަށް ދަތިވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދިފާއީ ވަކީލުން ވަނީ މައްސަލައިގައި ހިމެނޭ ދެ ހަސްމުން ޝަރީއަތުން ތަފާތު ކުރަމުންދާ ކަމަށްބުނެ އެކަމުގެ ޝަކުވާވެސް ކޮށްފަ އެވެ. އެގޮތުން ދައުލަތުން އަމަލުކުރަން ބޭނުންވާ ކޮންމެ ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ޝަރީއަތުން ދެމުންގެންދާ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ހަމަހަމަކަން ނެތި އަދުލު އިންސާފު ގާއިމް ނުކުރެވޭނެ ކަމަށްވެސް ވަކީލުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އީދު ބަންދަށްފަހު ބާއްވަން ތާވަލްކޮށްފައިވާ އިރު، އެދުވަހުގެ ޝަރިއަަތައް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކި ތިނެއް، ހަަތަރެއް، ހައެއް އަދި ހަތެއް ހާޒިރު ކުރަން މަސައްކަތް ކުރާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި ހާޒިރު ކުރެވޭނެ ހެކިންގެ މައުލޫމާތު ދެދުވަސް ކުރިން ދިފާއީ ވަކީލުންނަށް އެންގުމަށްޓަކައި ކޯޓަށް ހުށަހަޅާނެ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.