ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޓަނެޓްގެ އަގު ހެޔޮ ނުކޮށް ޓެކްނޮލޮޖީގެ ފައިދާ ނުލިބޭނެ: ރައީސް

އާންމު ރައްޔިތުން އިންޓަނެޓްއަށް ކުރަން ޖެހޭ ހަރަދު ކުޑަނުކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ އެއް ނުލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އުރީދޫގެ އޮންލައިން ޕްލެޓްފޯމް "މޫލީ" އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މީހުން ބިނާ ކުރުން ކަމަށާއި އިންޓަނެޓްގެ ހިދުމަތް އަތްފޯރާ ފަށުގައި ނުލިބޭ ނަމަ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރިއަށް ނުދެވޭނެ ކަމަށެވެ.

މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އިންވެސްޓު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު އިތުރަށް ފުޅާކޮށް އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަށް އިންވެސްޓު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު، މީހުން ބިނާ ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން، އެކަމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ތަކުން ވަރަށް މުހިއްމު ދައުރެއް އަދާކުރޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ރަނގަޅު އަގުގައި ޓެކްނޮލޮޖީ ފަސޭހަ ބާޒާރެއް ކަމަށާއި އިންސާނީ ވަސީލަތްތައް ކުރިއަރުވަން ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު ވަަރަށް ބޮޑު ކަމަށާއި އެ ހިދުމަތް އެންމެ ބޮޑަށް ހިފަނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ކަމަށާއި އެ ދާއިރާ ތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަކީ ހިދުމަތްދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް ކަމަށެވެ.

"ސްކޫލް މަދަރުސާތަކުގައި އެ އަންނަނީ ކިޔަވައިދުނުމަށް ޑިޖިޓަލް ކްލާސްރޫމްތައް ބޭނުންކުރަން ފަށައިފި، އޮފީސްތަކާއި ކުންފުނިތަކުގެ ހިދުމަތްތައް ވެސް ސްމާޓްފޯނުގެ ޒަރީއާއިން ހޯދޭނެ ގޮތްތައް އަންނަނީ ހަމަޖެހެމުން،" ރައީސް ވިދާޅުވި އެވެ.