ޓެރަރިޒަމް އާއި ހައްދު ފަހަނަ އަޅައި ދިޔުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިއަން ޔޫރޯ ދިނުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން އީޔޫގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއް އިސްކަން ދޭ ފަދައިން ޓެރަރިޒަމްއަކީ ވެސް ވަރަށް ސީރިޔަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް އީޔޫއިން އަބަދުވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.
ޓެރަރިސްޓު ހަމަލާތަކާއި ހައްދުފަހަނަ އަޅައި ދިޔުން ހުއްޓުވުމުގެ މަސައްކަތް އެކުގައި ކުރަން ތައްޔާރަށް ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަށަވަރުކޮށް ދެއްވާ ކަމަށް މޮގުރިނީ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި އެހީވުމުގެ ގޮތުން 2.5 މިލިއަން ޔޫރޯ (43.3 މިލިއަން ރުފިޔާ) ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީއެއްގެ ގޮތުން 2.5 މިލިއަން ޔޫރޯގެ އެހީއެއް ނިންމާފައިވާ ކަން އަޅުގަނޑު މިއަދު އިއުލާން ކުރަން، އަޅުގަނޑުމެން އަބަދުވެސް މި މައްސަލާގައި ރާއްޖެއާ އެކު ތިބޭނަން," މޮގުރިނީ ވިދާޅުވި އެވެ.