ވިޔަފާރި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jul 30, 2015

ޒުވާނުން ނަށް ވަޒީފާއަށް ފައްކާކުރުމަށް ދިރާގުން ހިންގާ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ޑެޕް) ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ އެސިސްޑެންޓް މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން ބިޝާރާ ހަމީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރި ކުރުވުމަށް އެ ކުންފުނިން ހިންގާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އަޅުގަނޑުމެންގެ އެހީތެރިކަމާއެކު ގިނަ ދާއިރާތަކަކުން ހުނަރު ދަސްކޮށްދޭނެ،" ބިޝާރާ ވިދާޅުވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބައިވެރިވާ ކުދިންނާއި ދިރާގާއި ދެމެދު އެއްބަސްވުމެއް ހަދައި، އެ ކުންފުނީގެ ތަޖުރިބާކާރު މެނޭޖަރުންނާއި ހުނަރުވެރިންގެ ފުރިހަމަ ބެލުމުގެ ދަށުން ތަމްރީން ދޭ ގޮތަކަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދައިގެން، ދެވަނަ އަހަރަށް ދިއުމުގެ ފުރުސަތު ވެސް ލިބެ އެވެ. މި ޕްރޮގްރާމުގައި "އޭ ލެވެލް'" ހަދާފައިވާ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 62 ކުދިން ފުރިހަމަކޮށްފައިވެ އެވެ. މީގެ ތެރެއިން 25 ކުދިން ދެވަނަ އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވަމުންދެ އެވެ. މި އަހަރުގެ ޕްރޮގްރާމުގައި 30 ޖާގަ އެ ކުންފުނިން ހުޅުވާލާފައިވެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ މި ޕްރޮގްރާމު ފުރިހަމަ ކުރާ ކުދިންނަށް ދިރާގުގައި މަސައްކަތް ކުރުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށާއި، ޕްރޮގްރާމް ނިންމުމަށް ފަހު ގިނަ އަދަދެއްގެ ކުދިން ރާއްޖޭގެ ބޮޑެތި އޮފީސްތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ ކަމަށެވެ.

"މި ޕްރޮގްރާމް ފުރިހަމަ ކުރުމަކުން ދިރާގުގައި އުޅެން މަޖުބޫރެއް ނޫން. ނަމަވެސް ޕްރޮގްރާމް ނިންމުމަށްފަހު މިހާތަނަށް 13 ކުއްޖަކު ދިރާގަށް އެޕްލައިކޮށް ވަޒީފާ ލިބިފައިވޭ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގު "ޑެޕް" ޕްރޮގްރާމުގައި ތަމްރީން ދެމުން ދާއިރު، އެ ކުއްޖަކަށް ޕޮކެޓް މަނީއެއް ވެސް ލިބެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ދިރާގު އޮޕަރޭޝަން ސެންޓަރު ތަކުން ވެސް ލިބޭނެ އެވެ. އަދި ރަށްރަށުން މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިން "ޑެޕް" ޕްރޮގްރާމު ފުރިހަމަ ކުރަމުން ދާނީ އެ ކުއްޖަކު ނިސްބަތްވާ އަތޮޅެއްގައި ދިރާގުގެ ސެންޓަރުތަކުގަ އެވެ.