ހަބަރު

އީޔޫ ކޮމިޝަންގެ ނައިބު ރައީސް މޮގުރީނީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

Aug 9, 2019

މިއަދު ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަން ގެ ނައިބު ރައީސް ފެޑެރިކާ މޮގުރީނީ އާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ރާއްޖެއާ ޔޫރަޕުގެ ގައުއުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މޮގުރީނީ ދެއްކެވި ވާހަކަފުޅުގައި މި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި މީގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާކަމަށް ވިދާޅުވި އެވެ.

ދެ ލީޑަރުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ހާއްސަކޮށް ސަލާމަތީ ކަންކަމާއި، ފަތުރުވެރިކަމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އަދިވެސް މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކުރައްވާފަ އެވެ. މިގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން ކޮރަޕްޝަން ނައްތާލުމާއި ޝަރުއީ ނިޒާމު ހަރުދަނާކުރުމާ އަދި މިނޫސްވެސް ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމުގައި ޔޫރަޕުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން މިސް މޮގުރީނީ ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުން ގެންދާ މާލީ އެހީތެރިކަން ފާހަގަ ކުރައްވައި މިސް މޮގްރެނީ އަށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން އީޔޫއިން ލޯން އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން ފަސް މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއިން އީޔޫގެ ބާޒާރަށް ވިއްކާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް މަގުފަހިކޮށްދިނުމާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމު ތަކަށް ވިސާއާއި ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.