ހަބަރު

ދެ މީހުންނާއެކު އައްޑޫ ފްލައިން ސްކޫލުގެ ފްލައިޓެއް ވެއްޓިއްޖެ

Aug 9, 2019
1

އައްޑޫ ފްލައިން ސްކޫލުގެ ޓްރެއިނިން ފްލައިޓެއް އިންޖީން ފެއިލް ވެގެން ކަނޑަށް ވެއްޓިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އިންޖީން ފެއިލް ވެގެން ޓްރެއިނިން ފްލައިޓު ވެއްޓިފައި ވަނީ ޝަންގްރިލާ ރިސޯޓު ކައިރިއަށެވެ. ފްލައިޓުގައި އެވަގުތު ތިބީ ދެ މީހެކެވެ. އެއީ އިންޑިޔާގެ އިންސްޓްރަކްޓަރަކާއި ޕައިލެޓުކަން ކިޔަވާ ދިވެހި އަންހެން ދަރިވަރެކެވެ.

ފްލައިޓުގައި ކުރިޔަށް ދިޔައީ ބޭރު ނުބަލާ ދުއްވާ ޓްރެއިނިން އެކެވެ. ނަމަވެސް ވައި މަތީ އޮއްވާ އިންޖީން ފެއިލްވުމުން އަނބުރާ ރަންވޭއަށް އައުމަށް މިސްރާބު ޖެހި އެވެ. އެހެން ނަމަވެސް ރަންވޭއަށް ނުފޯރާނެ ކަން ޔަގީން ވުމުން ފައިލްޓު ކަނޑަށް ޖެއްސީ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ. އަދި އެ ދެ ކުދިންނަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އާޒިމް އިބްރާހިމް ވިދާޅުވީ ފްލައިޓުގައި ހުރި ދެ ޕައިލެޓުން ޝަންގްރިލާ ރިސޯޓަށް ގެންގޮސްފައިވާ ކަމަށާއި އެއަށް ފަހު ފޭދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއާކްރާފްޓު އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.