ހަބަރު

ބިޝާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރަނީ

Aug 9, 2019
1

ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އެ މަގާމުން ވަކި ކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށަހަޅައިފި އެވެ.

ސިރާޖު "އަވަސް"އަށް މިރޭ ވިދާޅުވީ ބިޝާމް މަގާމަށް އެކަށީގެން ނުވާ ކަމަށާއި އޭނާ ދައްކަވާ ބައެއް ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ގާނޫނުން ލާޒިމް ކުރާ ބައެއް ކަންކަމުގެ ތެރޭގައި އަހަރަކު ދެ ފަހަރަކު ޕީޖީ މަޖިލީހަށް ރިޕޯޓު ފޮނުވަން ޖެހޭ އިރު މި އަހަރުގެ ރިޕޯޓުތައް މިއަދާ ހަމަޔަށް އައިރު ވެސް ލިބިފައި ނުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން ބިޝާމް ވަކި ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އެކަންކަމާ ހުރެ ޕީޖީ ގްރޫޕަށް އަޅުގަނޑު އެމްޑީޕީއަށް ހުށަހެޅީ އަޅުގަނޑަށް ފެންނަނީ ބިޝާމް ވަކި ކުރަން ކަމަށް، އަދި އެއާމެދު ގޮތެއް ނިންމަވާ ދެއްވުމަށް. އަޅުގަނޑަށް އެއްވެސް މަޝްވަރާއެއް ނުކޮށް ވެސް ހުށަހެޅިދާނެ ކޮމިޓީގައި ބިޝާމް ވަކި ކުރަން. އެކަމަކު އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮތް ޕީޖީ އެއް އޮއްވާ މަޝްވަރާ ކުރަން ފުރަތަމަ އަޅުގަނޑު ބޭނުންވީ،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިހާރު އަމަލު ކުރަމުންދާ ގޮތަކީ އެފަދަ ބޮޑެތި ކަންކަން ކުރުމުގައި އެންމެ ފުރަތަމަ ޕާޓީގެ ތެރޭގައި ފުރިހަމައަށް މަޝްވަރާ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުން ކަމަށެވެ. އަދި އޭނާ ބިޝާމްގެ މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށަހެޅީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ނަމަވެސް އަދިވެސް އެކަމާ މެދު ގޮތެއް ކަނޑައަޅުއްވާދެއްވާފައި ނުވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ މަޖިލީހުގައި އޮއްވާ ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައެޅުމަށް އޭރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު އެއްވެސް ގޮތެއް ނިންމާާފައެއް ނުވެ އެވެ. އޭގެ ފަހުން މި މަޖިލީހުގައި ބިޝާމް ކޮމިޓީއަށް ހާޒިރުކޮށް ސުވާާލުކޮށްފައިވީ ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެއް ވައްދަން ނިންމާފައެއް ނުވެ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ބިޝާމް ވަކި ކުރަން އަނެއްކާ ވެސް މެންބަރަކު މަސައްކަތް ފެށިއިރު ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި މޭޑޭ މުޒާހަރާގައި ހައްޔަރު ކުރުމަށް ފަހު ޖަލުގައި މަރުވި އަބްދުﷲ ރަޝީދުގެ މައްސަލާގައި އޭނާ އަމަލު ކުރި ގޮތާ މެދު ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.