ދުނިޔެ

ޗައިނާ ތޫފާނު: 13 މީހުން މަރުވެ، އެއް މިލިއަން މީހުން ގެދޮރުދޫކޮށްފި

Aug 10, 2019

ބެއިޖިންގް (އޯގަސްޓް 10) - ޗައިނާއަށް މިއަދު އެރި ބާރުގަދަ ތޫފާނާ ގުޅިގެން މިހާތަނަށް 13 މީހުން މަރުވެފައިވާއިރު، އެއް މިލިއަނަށް މީހުން ގެދޮރުދޫކޮށް ދާން މަޖުބޫރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ލެކިމާ ގެ ނަމުން ނަން ދެވިފައިވާ ތޫފާނުގެ ސަބަބުން ބިން ކަނޑއިގެންގޮސް އިތުރު 16 މީހުން ގެއްލިފައިވާކަމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ކުރިން ލަފާކުރެވުނު ވަރަށްވުރެ ބާރުދަށްވި ނަމަވެސް، އެ ތޫފާނުގެ ސަބަބުން ޗައިނާގެ އެކި ހިސާބުތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ތޫފާނު އެރި ވެންޒޫ ސަރަހައްދުގައި ހުރި ޑޭމެއް ހަލާކުވެފައިވާއިރު، 20 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޝޭންގްހައިއަށް މިހާރު ތޫފާނު ވަނީ މިސްރާބުޖަހާފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ މަގުތަކުގައި ވެއްޓިފައިހުރި ގަސްތަކާއި ފެންބޮޑުވުމުގެ ސަބަބުން ހާލުގައިޖެހިފައިތިބި މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.

ތޫފާނުގެ ސަބަބުން ޗައިނާގެ އެކި ހިސާބުތަކަށް ދަތުރުކުރަން ހަމަޖެހިފައިވާ 1،000 އަށް ވުރެ ގިނަ ފްލައިޓުވެސް ކެންސަލްކޮށްފައިވާއިރު، ގިނަ ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް ވަނީ ދަތިވެފަ އެވެ.