ބޮލީވުޑް

ޔުނިވާސިޓީ އަކުން ޝާހުގެ ނަމުގައި ސްކޮލާޝިޕް ދެނީ

މަޝްހޫރު އެކްޓަރު ޝާހްރުކް ހާނަށް ލެ ޓްރޯބް ޔުނިވަސިޓީން އޮނަރަރީ ޑިގްރީ އެއް ދީ، އޭނާގެ ނަމުގައި ޕީއެޗްޑީ ސްކޮލްޝިޕެއް ވެސް ތައާރަފުކޮށްފި އެވެ.

"ޝާހްރުކް ހާން ލެ ޓްރޯބް ޔުނިވަސިޓީ ޕީއެޗްޑީ ސްކޮލަޝިޕް" ކޮންމެ ހަތަރު އަހަރަކުވެސް ދެނީ އެކި ދާއިރާތަކުން ރިސާޗްކުރާ އިންޑިއާގެ އަންހެނުންނަށެވެ. މި ސްކޮލަޝިޕް ތައާރަފުކުރީ އަންހެނުން ކުރި އެރުވުމަށް ޝާހުގެ "މީރް ފައުންޑޭޝަން" އިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުންނެވެ.

މީރް ފައުންޑޭޝަނަކީ ވަކިން ހާއްސަކޮށް އެސިޑްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެފަދަ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގެ މުހިއްމު ހިއްސާއަކަށް ހަދަން މަސައްކަތްކުރާ ފައުންޑޭޝަނެކެވެ.

މި ޝަރަފު ލިބުމާއެކު ޝާހު ބުނި ގޮތުގައި، ރެ ޓްރޯބް ޔުނިވާސިޓީން އެހީވުމަކީ އިންޑިއާގެ އަންހެނުންނަށް އެކި ދާއިރާތަކުން ރިސާޗްކޮށް ކުރިމަގު ބައްޓަން ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އެ ޔުނިވާސިޓީން އެކަހަލަ ފުރުސަތެއް ދިން ކަމަށްޓަކައި ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މި ސްކޮލަޝިޕްގެ ދަށުން ހަތަރު އަހަރުގެ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.