ހޮލީވުޑް

މައިލީ އާއި ލިއަމް އަނެއްކާވެސް ދުރުވެއްޖެ

މައިލީ ސައިރަސް އާއި ލިއަމް ހެމްސްވޯތު، ކައިވެނި ކުރިތާ އަހަރެއް ނުވަނީސް ދުރުވެއްޖެ ކަމަށް ބުނެފި އެވެ.

މި ޖޯޑު ދުރުވި ކަމަށް ބުނެފައިވަނީ ޕީޕަލްސް މެގަޒިން އަށް މައިލީގެ ރެޕްރެޒެންޓޭޓިވް އެއް ދިން އިންޓަވިއުއެއްގަ އެވެ. އޭނާ ބުނެފައިވާ ގޮތުން ދެމީހުންވެސް ވަކިވީ މިއީ އެ ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށާއި މުސްތަގުބަލާއި ކެރިއާ އަށް ފޯކަސް ކުރަން ބޭނުންވާ ކަމަށް ދެމީހުންވެސް ބުނި ކަމަށެވެ. އަދި، ދެމީހުން ވަކިވި ކަމުގައި ވިޔަސް އެކުގައި ގެންގުޅުނު ޕެޓްސްތައް ބަލާނެ ކަމަށް އިންޓަވިއުގައި ބުނެފައިވެ އެވެ.

މައިލީ އާއި ލިއަމް ވަކިވި ކަން ހާމަ ކުރަމުން، އެ ދެމީހުންގެ ނިންމުމަށް އިހުތިރާމް ކުރުމަށްވެސް ވަނީ މައިލީގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނެފަ އެވެ.

މި ހަބަރާއެކު މި ޖޯޑުގެ ބައެއް ފޭނުންވަނީ މީގެ ކުރިންވެސް މައިލީ އެކަހަލަ ކަމެއްގެ އިޝާރާތެއް ކުރިކަމަށް ބުނަމުންނެވެ. އެގޮތުން، އިންސްޓަގްރާމްގައި މައިލީ ކުރި ޕޯސްޓުގައި އޭނާގެ އިނގިލީގައި ކައިވެނީގެ އަނގޮޓި ނެތް ކަން ފޭނުން ފާޙަގަކޮށްފައި ވެ އެވެ.

މައިލީ މިހާރު ދަނީ އިޓަލީގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ހޮލީވުޑްގެ "އޮން އެންޑް އޮފް" މި ޖޯޑު ލޯބީގެ ގޮތުން ގުޅުނީ 2009 ވަނަ އަހަރު ނެރުނު "ދަ ލާސްޓް ސޯންގް" އިންނެވެ. އެއަށްފަހު އެކި ފަހަރު މަތިން ރުޅިވުމަށްފަހު އަލުން ގުޅުން ވަރުގަދަ ކޮށްލީ 2016 ވަނަ އަހަރު އެވެ.
ސިއްރުން ކައިވެނި ކުރީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.