ވިޔަފާރި

ވީއައިއޭގައި ދިވެހި އުފެއްދުންތައް ވިއްކަން ވިޔަފާރި ތަކަށް ހުޅުވާލައިފި

Aug 12, 2019
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުޅުވާ ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރާގައި ވިއްކަން ބަހައްޓާ ބާވަތްތައް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިޒްނަސް ސެކްޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ "ސުވިނިއާ ޑިއުޓީ ފްރީ" ފިހާރައިގައި ތަކެތި ވިއްކަން ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެކެވެ. މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ބީސީސީ އިން ބުނީ އުފެއްދުންތައް ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލް އާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމަށެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅާނަ [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ވީއައިއޭގައި ރާއްޖޭގައި އުފައްދާ އުފެއްދުންތައް މިހާރު ވެސް ލިބެން ހުރެ އެވެ. ނަމަވެސް މިފަދަ އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ނުހުރެ އެވެ. މިތަން ހުޅުވުމާއެކު އިކޮނޮމިކް މިނިސްޓްރީން ވަނީ ނޮވެމްބަރު މަހު އޮންނަ ފަންނު އެކްސްޕޯ އިން ހޮވާލެވޭ ފަސް އުފެއްދުމެއް މި ތަނުގައި ވިއްކަން ބަހައްޓަން ނިންމާފަ އެވެ.