ހަބަރު

ސަބް ކޮމިޓީތައް އެކުލަވާލަން ބާ ކައުންސިލުން ވަކީލުން ހޯދަނީ

ގާނޫނީ ފަންނުގެ ގާނޫނާ އެކު އެކުލަވާލި ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތަކަށް ވަކީލުން އައްޔަން ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ވަކީލުން ހޯދަން އިއުލާންކޮށްފި އެވެ.

މި ސަރުކާރު އައިފަހުން ގަނޫނީ ފަންނުގެ ގާނޫނެއް ފާސްކޮށް، ގާނޫނީ ވަކީލުންގެ ހުރިހާކަމެއް ރެގިއުލޭޓް ކުރަން ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް ވަނީ އުފައްދާފަ އެވެ. އަދި އެގާނޫނުގައި ބުނާ ގޮތަށް އެކައުންސިލްގެ އެގްޒެެޓިވް ކޮމިޓީވެސް މިހާރު ވަނީ އިންތިހާބު ކޮށްފަ އެވެ. ބާ ކައުންސިލްގައި ތިއްބަވަނީ ކައުންސިލްގެ ރައީސާ ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކޮށްފައިވަނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

އެގްޒެކެޓިވް ކޮމިޓީގެ އިތުރުން ދާއިމީ ސަބް ކޮމިޓީތަކުގެ ގޮތުގައި އެތިކްސް ކޮމިޓީއާއި، ލައިސެންސިން ކޮމިޓީއާއި، އިސްތިއުނާފް ކޮމިޓީއާއި، ގާނޫނީ ތައުލީމު ކޮޮމިޓީ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއެއް އޮންނަން ލާޒިމް ކުރެ އެވެ. ސަބް ކޮމިޓީތައް އެކުލަވާލުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަބް ކޮމިޓީތައް އެކުލަވައިލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަކީލުންގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕްތަކެއް އުފައްދަން ނިންމާފައިވާ ކަމަށާއި، ސަބް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމާއި މެމްބަރުންނަށް އުޖޫރަ ދެވޭނެ ގޮތުގެ އުސޫލުތައް އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން ވޯކިން ގްރޫޕްތަކުން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

ކޮންމެ ސަބް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތަކަށް ނެގޭނީ މަދުވެގެން ތިން ވަކީލުން ކަމަށާއި، އެ ވަކީލުން ނެގުމުގައި ތަޖުރިބާ އާއި ތައުލީމަށް އިސްކަން ދެވޭނެ ކަމަށް އެ އިއުލާންގައި ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭން ޝައުގުވެރިވާ ވަކީލުން އެކަމަށް އެދި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވެސް ވަނީ އަންގާފަ އެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ ގުޅުން ހުރި ހުރިހާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރާނީ ވެސް ބާ ކައުންސިލުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަކީލުން ވެސް ހިމެނެ އެވެ.