ވިޔަފާރި

މިދިޔަ މަހު ލަންކާ ޓޫރިޒަމް 46 ޕަސެންޓް ދަށަށް

Aug 15, 2019

މިދިޔަ މަހު ސްރީލަންކާ ޓޫރިޒަމް 46 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ޓޫރިޒަމް އޮތޯރިޓީ އިން ބުނެފި އެވެ.

ސްރީލަންކާގައި އެޕްރީލް މަހު ދިން ބޮމުގެ ހަމަލާ ތަކަށްފަހު ޓޫރިޒަމް ރަނގަޅުވާން ފަށާފައިވީނަމަވެސް އަދި ވެސް އެ ގައުމުގެ ޓޫރިޒަމް އޮތީ ވަރަށް ބޮޑު ހީނަރުކަމެއްގަ އެވެ. ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމަށް ގޮސްފައިވަނީ 115,701 މީހުންނެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ދިޔަ 217,829 މީހުންނާ އަޅާ ބަލާއިރު 46 ޕަސެންޓުގެ ދަށްވުމެކެވެ.

އެ ގައުމުގެ ޓޫރިޒަމްގެ މައި މާކެޓަކީ ޔޫރަޕާއި އިންޑިއާ މީހުންނެވެ. މި ދެ މާކެޓުން އައި މީހުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެންމެ ގިނައިން މީހުން ދާ އިންޑިއާ އިން މާކެޓުން ދިޔަ މީހުންގެ އަދަދު ވެސް ވަނީ 41 ޕަސެންޓް ދަށްވެފަ އެވެ.

ސްރީލަންކާ ޓޫރިޒަމްގައި ރާއްޖެއަކީ ވެސް މުހިންމު މާކެޓެކެވެ. މި މުއްދަތުގައި ލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ސްރީލަންކާ އަށް ރާއްޖޭން 6,348 މީހުން ދިޔަނަމަވެސް މިދިޔަ އަހަރު ގޮސްފައިވަނީ 3,875 މީހުންނެވެ. މިއީ 39 ޕަސެންޓު ދަށްވުމެކެވެ.