މި ކޮމްޕިއުޓަރު ވާން ޖެހޭނީ ޗައިނާގައި މިހާރު ހުރި "ސުޕަރ ކޮމްޕިއުޓަރު" އަށް ވުރެ 20 ގުނަ ހަލުއި އެއްޗަކަށް ކަމަށް އޮބާމާ ސޮއެ ކުރެއްވި ގަރާރުގައި ވިދާޅުވެފައިވެއެވެ. މާނައަކީ އެއް ކުއިންޓިލަން (އެއް ބިިލިއަން ބިލިއަން) ކަންތައްތައް އެ ފައްހަރާ ކަލްކިއުލޭޓް ކުރެވޭ މެޝިނަކަށެވެ. މިއަށް ކުރުކޮށް ކިޔަނީ އެއް އެކްސާފްލޮޕްއެވެ. އަދި މި ފަދަ ކޮމްޕިއުޓަރަކަށް އެކްސާސްސްކޭލް މެޝިން ވެސް ކިޔައެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ އަވަސް ސުޕަރ ކޮމްޕިއުޓަރު ހުރީ ޗައިނާގެ ގުއަންޒޯގައި ހުންނަ އެ ގައުމުގެ ގައުމީ ކޮމްޕިއުޓަރު މަރުކަޒުގައެވެ. "ޓިއަންހޭ-2" ނަމަކަށް ކިޔާ މި ކޮމްޕިއުޓަރުން ސިކުންތަކު 33.86 ޕެޓަފްލޮޕް ނުވަތަ ކޮޑްރިލިއަންގެ ކަލްކިއުލޭޝަންތައް ހަދައިދެއެވެ. މިއީ އެމެރިކާގައި މިހާރު ހުރި ސުޕަރ ކޮމްޕިއުޓަރަށް ވުރެ ދެ ގުނަ ހަލުއި މެޝިނެކެވެ.
އިނގިރޭސި ވިލާތުގެ އެޑިންބާގްގެ ޕެރެލަލް ކޮމްޕިއުޓިން ސެންޓަރ (އީ.ޕީ.ސީ.ސީ)ގެ މާކް ޕާސަންސް ވިދާޅުވީ އޮބާމާގެ މި އަމުރުން ދޭހަވަނީ ސުޕަރ ކޮމްޕިއުޓަރުގެ އެހީގައި މައްސަލަތައް ހައްލު ކުރުމުގެ ދާއިރާގައި މިހާރު ޗައިނާއިން ކުރި ހޯދާފައިވާތީ އެ ކަމާ ގޮންޖެއްސެވުމެވެ.
"މި ރޭހުގައި ދެމިހުންނަން ބޭނުން ނަމަ މި ދާއިރާގައި އިތުރަށް އިންވެސްޓް ކުރަން ޖެހޭ ކަމަށް އެމެރިކާއަށް ހޭލެވުނީ،" އޭނާ ބީބީސީއަށް ވިދާޅުވިއެވެ.
އޮބާމާ ކުރެއްވި އަމުރުގެ ދަށުން ނެޝަނަލް ސްޓްރެޓަޖިކް ކޮމްޕިއުޓިން އިނިޝިއޭޓިވް (އެން.އެސް.ސީ.އައި) އުފައްދައި އެ ތަނުގެ ބެލުމުގެ ދަށުން މި ސުޕަރ ކޮމްޕިއުޓަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މި ފަދަ ކޮމްޕިއުޓަރެއްގެ ބޭނުމަކީ ސައިންސާއި ގައުމީ ދިފާއަށް ބޭނުންވާ ކަންތައްތައް ހަލުއި ދުވެއްޔެއްގައި ކުރުމެވެ. މީގެ އިތުރުން މަދަނީ މައްސަލަތައް ހައްލު ކުރުން ވެސް ހިމެނެއެވެ. މިސާލަކަށް، މޫސުން ކުރިއަށް ލަފާ ކުރުމުގެ މޮޑެލްތައް ހެދުމާއި ކެންސަރު ފަރުވާއަށް އެކްސް ރޭ ފަދަ ތަކެތި އެނަލައިޒް ކުރުމެވެ.
މި ކޮމްޕިއުޓަރުގެ އެހީގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ވައިގެ އުޅަނދު އުދުއްސާލުމުގެ ކުރިން ރިހާސަލް ބާއްވައި ޓެސްޓް ކުރުން ފަދަ ކަންތައްތައް ކުރާކަށް ވެސް ނުޖެހޭނެއެވެ.
އެޑިންބާގް ޔުނިވަރސިޓީގެ ރިޗަޑް ކެންވޭ ވިދާޅުވީ އޮބާމާގެ އަމުރުގެ ދަށުން ތައްޔާރު ކުރާ މިފަދަ ސުޕަރ ކޮމްޕިއުޓަރު މަޝްރޫއެއްގެ ސަބަބުން އާ ހާޑްވެއާ އުފައްދައި އަދި ޑޭޓާ އާއި މައުލޫމާތު އެނަލައިޒް ކުރުމަށް އިތުރު މަގުތަކެއް ކޮށޭނެއެވެ. އަދި މި ފަދަ ކޮމްޕިއުޓަރެއްގެ އެހީގައި ވަކިވަކި ފަރުދުންނަށް ބޭނުންވާ ގޮތަށް ބޭސް ވެސް ސިއްހީ ދާއިރާއަށް ފަރުމާ ކޮށްދެވޭނެ ކަމަށެވެ.
"އަދުގެ ދުނިޔޭގައި ބޭސް ފަދަ ތަކެއްޗަކީ އާއްމުކޮށް އެންމެންނަށް ތައްޔާރު ކުރެވިފައިވާ ތަކެތި. މިހެންވެ ބައެއް ބޭސްތަކުން ބައެއް މީހުންނަށް ނަތީޖާއެއް ނުދައްކާ. އެހެންކަމުން މި ފަދަ ކޮމްޕިއުޓަރެއްގެ އެހީގައި ބަލިމީހާގެ ޖީންތަކާއި އަދި ލައިފްސްޓައިލާ އެއްގޮތަށް ބޭސް ބައްޓަން ކުރެވިދާނެ،" އޭނާ ބީބީސީއަށް ވިދާޅުވިއެވެ.
ޕާސަންސް ވިދާޅުވީ އޮބާމާ އަމުރު ކުރެއްވި މި ސުޕަރ ކޮމްޕިއުޓަރުގެ އެހީގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ވެސް މާ ރަނގަޅަށް ދެނެގަނެވޭނެ ކަމަށެވެ.
ޕާސަންސް އަދި ކެންވޭ ވެސް ވިދާޅުވި ގޮތުގައި މި ފަދަ ވަރުގަދަ ކޮމްޕިއުޓަރެއް ހެދުމަކީ ކުޑަ ކަމެއް ނޫނެވެ. މި ކަމަށްޓަކައި އެތައް އަހަރެއްގެ ރިސާޗް މަސައްކަތް ވެސް ބޭނުންވާނެ ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ މި ކޮމްޕިއުޓަރުގެ ބައިބަޔަށް ބޭނުންވާނެ މަތީ މިންވަރެއްގެ ކަރަންޓް އާއި ހަކަތަ މެނޭޖް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އަދި މިހެން ވިޔަސް ވެސް، މި ކޮމްޕިއުޓަރުން ކަރަންޓް ވަރަށް ބޮޑަށް ދަމާލާނެ ކަމަށް ވެއެވެ.
"އަހަރެން ބުނާނީ 60 މެގަވޮޓް ކަމަށް އަމާޒަކަށް ވާނީ. އެއަށްވުރެ ކުޑައެއް ނުވާނެ. އޭގެ މާނައަކީ މި ކޮމްޕިއުޓަރުގެ ކަރަންޓް ބިލަށް އަހަރަކު 60 މިލިއަން އިނގިރޭސި ޕައުންޑް (93 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1434 މިލިއަން ދިވެހި ރުފިޔާ ނުވަތަ 1.434 ބިލިއަން ދިވެހި ރުފިޔާ) އަރާނެ،" ޕާސަންސް ވިދާޅުވިއެވެ.
މި ފަދަ ސުޕަރ ކޮމްޕިއުޓަރެއ ހެދޭތޯ މީގެ ކުރިން ވެސް މަސައްކަތް ފެށިފައި އެބަހުއްޓެވެ. އެ ގޮތުން އެމެރިކާގެ އައި.ބީ.އެމް ކުންފުންޏާއި ނެދަލެންޑްސްގެ އިންސްޓިޓިއުޓް ފޮ ރޭޑިއޯ އެސްޓްރޯނޮމީ (އެސްޓްރޯން) އަދި އެ ގައުމުގެ ގްރޮނިންގަން ޔުނިވަރސިޓީ ގުޅިގެން ސްކުއާ ކިލޯމީޓަރ އެރޭ (އެސް.ކޭ.އޭ) ރޭޑިއޯ ޓެލެސްކޯޕުން ފޮނުވައިދޭ މައުލޫމާތު އެނަލައިޒް ކުރުމަށް ވެސް މި ފަދަ ސުޕަރ ކޮމްޕިއުޓަރެއް ހެދުމުގެ މަޝްރޫއެއް ވަނީ އިއުލާން ކޮށްފައެވެ. މި ކޮމްޕިއުޓަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ 2020 ގެ ފުރަތަމަ އަހަރުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާގައެވެ.