ވިޔަފާރި

ބީއެމްއެލްއަށް އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ތިންވަނަ ފަހަރަށް

Aug 15, 2019
2

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ، އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ތިންވަނަ ފަހަރަށް ލިބިއްޖެ އެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ސިންގަޕޫރުގައި މިއަދު ބާއްވާފައިވާއިރު، އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތް ކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ.

މި ހަފުލާގައި ބީއެމްއެލް އަށް މި ހާއްސަ އެވޯޑު ދީފައިވަނީ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުނީގެ އެވޯޑެވެ.

"އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" އާ ބޭންކުގެ ފަރާތުން ހަވާލުވީ ލަޔާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އަޝްރަފް އާއި އެމްޕްލޯއީ ރިލޭޝަންސް މެނޭޖަރު އާސިޔަތު މުހައްމަދު އެވެ.

މި އެވޯޑް ލިބުމާ ގުޅިގެން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ވިދިވިދިގެން ތިން ފަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ލިބުމަކީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް. އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ހާއްސަ އިސްކަމެއް ދެން. މި އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން،" ސަހާ ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވަ އެވެ.