ކަޝްމީރުގެ މައްސަލަ

ކަޝްމީރުގެ ފިޔަވަޅާއެކު އިންޑިއާގެ މިނިވަންކަން ފުރިހަމަވެއްޖެ: މޯދީ

މުސްލިމުންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލެވުމުން، ގައުމުގެ މިނިވަންކަން ފުރިހަމަވެއްޖެ ކަމަށް އިންޑިއާގެ ބޮނޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މިނިވަން ދުވަހު ދިން ހާއްސަ ހިތާބެއްގައި މޯދީ ވިދާޅުވީ، އިންޑިއާ މިނިވަން ގައުމަކަށް ހެނދުމަށް ވަރަށް ދިގު ހަނގުރާމައެއް ކުރަން ޖެހުނު ކަމަށެވެ. މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމަ ކާމިޔާބު ވިނަމަވެސް ފުރިހަމަ މިނިވަންކަމެއް ލިބުނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށް ގިނަ މީހުން ދިގު ހަގުރާމައެއް ކުރި، އެކަމަކު އާޓިކަލް 370ގެ ސަބަބުން ގައުމަށް ފުރިހަމަ މިނިވަންކަމެއް ނުލިބޭ، އެކަމަކު މިއަދު އަޅުގަނޑު ފަހުރުވެރިކަމާއެކު ބުނަން، ކަޝްމީރުގެ ހާއްސަ އިމްތިޔާޒުތަށް އުވާލުމުން މިނިވަންކަންް ލިބިއްޖެ" މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމު އަދި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އެވެ. ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.

މިނިވަން ދުވަހާއި ގުޅިގެން ދިން ހިތާބުގައި މޯދީ އިތުރަށް ވިދާޅުވީ، ކަޝްމީރުގައި ހިންގަމުންދާ ކަންތައް ދިގު ދެމިގެންދާން ބޭނުނުވާ ކަަމަށެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ކަޝްމީރު ހަމައަކަށް އެޅި ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ ތާރީހުގެ ތެރެއަށް އޮބިގެންދާ މަންޒަރު ބަލަން ކަމަށެވެ. ކަޝްމީރަކީ އިންޑިއާގެ އިގްތިސާދުގެ ބައިވެރިއަކަށްވާން ބޭނުންވާ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ އުވާލުމުން ކަޝްމީރު މުސްލިމުން ހަމަނުޖެހުން އުފައްދާ ކަަމަށް ބުނެ އިންޑިއާގެ މައި ސަރުކާރުން ވަނީ 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ. ހަމަނުޖެހުން ހިންގާކަމަށް ބުނެ، އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ކުޑަ ކުދިން އަދި މުސްކުޅިންގެ ލޮލަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ސިފައިންގެ ހިންގާ އަމަލުތަކުގެ ސަބަބުން އެ ސްޓޭޓުގެ މީހުންގެ އިންސާނީ ހައްގުތައް އުނިކަން ލިބޭކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ބުނެފަ އެވެ. އަދި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީއިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.