ބޮލީވުޑް

"ދަ ކަޝްމީރު ފައިލްސް" އަންނަ އަހަރު ރިލީޒް ކުރަނީ

Aug 15, 2019

ކަޝްމީރުގައި ދިރިއުޅޭ ހިންދޫންނާ ދެކޮޅަށް ކުރާ އަނިޔާތަކުގެ މައްޗަށް ބިނާ ކޮށް ވިވެކް އަގްނިހޯތުރީ، "ދަ ކަޝްމީރު ފައިލްސް" ކިޔާ ފިލްމެއް ގެނެސްދޭން ނިންމައިފި އެވެ.

ވިވެކް ވަނީ މިދިޔަ އޭޕްރީލް މަހު "ދަ ތަޝްކެންޓް ފައިލްސް" ވެސް ގެނެސްދީފަ އެވެ. އޭގައި ގެނެސްދިނީ އިންޑިއާގެ ބޮޑުވަޒީރުގެ މަރުގެ މައްސަލަ ތަހުގީގު ކުރާ ނޫސްވެރިއެއްގެ ވާހަކަ އެވެ.

"ދަ ކަޝްމީރު ފައިލްސް" ނެރެން ނިންމާފައިވާއިރު، މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައި ކަމަށް ވަނީ ބުނެފަ އެވެ. ފިލްމުގައި ދައްކުވައިދޭނީ ކަޝްމީރުގައި އުޅޭ ހިންދޫންނަށް ދިމާވާ މައްސަލަތައް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ ތަނުގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ފެންނާނެ ކަމަށާއި ސިޔާސީ ކަންކަމުގެ ސަބަބުން އާއްމުންނަށް ދިމާވި މައްސަލަތައްވެސް ފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ބުނެފައިވަނީ، ކަޝްމީރުގެ މި މައްސަލައަށް ބިނާކޮށް ފިލްމެއް ހަދަން އޭނާ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި އެންމެ ފަހުން މިކަން ހަގީގަތަކަށްވާ އިރު، ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ފިލްމެއް ގެނެސް ދޭނެ ކަމަށް ބުންޏެވެ.

"ދަ ކަޝްމީރު ފައިލްސް" ގެ ކާސްޓުންވެސް އަދި އިއުލާން ނުކުރެ އެވެ.

މި ފިލްމު ރިލީޒް ކުރާ ހަބަރާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ މި ކަމަށް ފާޑު ކިޔަމުންނެވެ. އިންޑިއާގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި މިދުވަސްކޮޅު ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ކަޝްމީރުގައި ކާފިއު އިއުލާން ކޮށްފައިވާއިރު މުސްލިމުންނަށް މުވާސަލާތީ ހިދުމަތްތައް ދިނުން ވެސް ވަނީ މަނާ ކޮށްފަ އެވެ. މި ސަބަބާހުރެ މުސްލިމް ކޮމިއުނިޓީއިން ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔާފަ އެވެ. އަދި މި ފިލްމަކީ ހަގީގަތް އޮޅުވާލުމަށް ގެންނަ ފިލްމެއް ކަމަށް ވަނީ ބުނެފަ އެވެ.