ނައުޝާގެ ހެލްތު ކޮލަމް

ކޮލެސްޓްރޯލް ދަށް ކުރާނީ ކިހިނެތް؟

ކޮލެސްޓްރޯލަކީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ވައްތަރުތަކުގެ ތެރެއިން އެއް ބާވަތެވެ. ދުޅަހެޔޮ ސެލްތަކެއް އުފެއްދުމަށް ކޮލެސްޓްރޯލް ހަށިގަނޑަށް ބޭނުންވެ އެވެ. ނަމަވެސް ކޮލެސްޓްރޯލް ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ވުރެން ގިނަ ވެއްޖެނަމަ އެތަކެއް ސިއްހީ މައްސަލަތަކެއް، ހާއްސަކޮށް ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވަ އެވެ. އެއީ ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ގިނަ ވުމުގެ ސަބަބުން ލޭ ހޮޅި ތަކުގައި ސަރުބީ ޖެހުމަށް މެދުވެރި ކުރުވަ އެވެ. އަދި މީގެ ސަބަބުން ލޭ ދައުރު ކުރުމަށް ހުރަސް އެޅި، ބައެއް ހާލަތްތަކުގައި ހިތް ހުއްޓުމަށް ނުވަތަ ސްޓްރޯކެއް ޖެހުމަށްވެސް މެދުވެރި ކުރުވަފާނެ އެވެ. ވީމާ ކޮލެސްޓްރޯލް އެދެވޭ މިނެއްގައި ދެމެހެއްޓުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކޮލެސްޓްރޯލް މަތިވުމަށް މަގުފަހި ކުރުވަފާނެ ކަންތައްތައް

ބައެއް ހާލަތްތަކުގައި ބައެއް މީހުންގެ ލޭގައި ކޮލެސްޓްރޯލް މަތި ކޮށް ހުންނަނީ އައިލީ ގޮތުން ވާރުތަކޮށްފައި ވާތީ ނުވަތަ ވިރާސީ ގޮތުން އައިސްފައިވާ ބަދަލުތަކެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. ނަމަވެސް ގިނަ ފަހަރު ކޮލެސްޓްރޯލް މަތި ވާން މެދުވެރިވަނީ ދިރިއުޅުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ކޮލެސްޓްރޯލް މަތިވުމަށް މަގުފަހި ކުރުވަފާނެ ކަންތައްތަކަށް ބަލައިލާއިރު:

ކެއުމުގައި ގެންގުޅެވޭ ނުރަގަޅު އާދަތައް

ކެއުމުގައި ސެޗުރޭޓެޑް އަދި ޓަރާންސް ފެޓް ގިނައިން ހިމެނޭ ކެއުންތައް ކަމަށްވާ އެއްގަމު މަހުގެ ބާވަތްތައް، ޗީސް، ބަޓަރު، ތައްޔާރީ ކާނާ ފަދަ ތަކެތި ގިނައިން ހިމެނުމަކީ ކޮލެސްޓްރޯލް މަތި ވުމަށް މެދުވެރި ކުރުވާ ކަމެކެވެ.

  • ސިއްހަތަށް ނުރައްކާވާ ވަރަށް ބަރުދަން އިތުރުވުން
  • ހެލިފެލިވެ ނޫޅުން ނުވަތަ ކަސްރަތު ކުރުން މަދުވުން
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • އުމުރުން ދުވަސްވުން
  • ހަކުރުބަލި ހުރުން

ކޮލެސްޓްރޯލް ދަށް ކުރުމަށް ކުރެވިދާނެ ކަންތައްތައް

ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވާ ގިނަ ބޭސްތަކެއް ހުރެ އެވެ. ޑޮކްޓަރުގެ ލަފަޔާ އެއް ގޮތަށް ބޭސް ކެއުމާ އެކި އެކީގައި ދިރިއުޅުމަށް ރަގަޅު ބަދަލުތަކެއް ގެނައުމަކީވެސް މުހިންމު ކަމެކެވެ.

ކޮލެސްޓްރޯލް ދަށް ކުރުމަށް ކެއުމަށް އެދެވޭ ބަދަލު ތަކެއް ގެނައުން މުހިންމު ވާނެ އެވެ. އެގޮތުން ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން ތެލާއި ސަރުބީގެ ބާވަތްތައް ކެއުމުގައި ހިމަނާ މިންވަރު މަދުކުރަންވާނެ އެވެ. އެގޮތުން އެއްގަމު މަހުގެ ބާވަތްތައްކަމަށްވާ ގެރިމަހެގެ ކެއުންތަކާއި ދުރުވެވިދާނެ އެވެ. އަދި ބިހުގެ ރީނދޫ ބައި ނުކެއުމަށް އާދަ ކުރެވިދާނެ އެވެ. ކެއްކުމުގައި ތެޔޮ ބޭނުން ކުރާއިރު ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެ އެވެ. އަދި ސޮސެޖް، އެހެނިހެން ތައްޔާރީ ކާނާ، ކޯކް އަދި ފެންޓާފަދަ ސޮފްޓް ޑްރިންކްސް އާއި ޕިއްޒާ ބާގާ ފަދަ ކެއުންތަކާ ވީހާވެސް ދުރުވުން ބުއްދިވެރި ވާނެއެެވެ.

މި ކެއުންތަކުގެ ބަދަލުގައި ފައިބަރުން މުއްސަނދި ވެފައިވާ ކެއުންތައް ގިނަ ކުރުންވެސް ބުއްދިވެރި ވާނެ އެވެ. އެގޮތުން އޯޓްސް އަކީ ސޮލިއުބަލް ފައިބަރު ފޯރުކޮށްދޭނޭ ކެއުމެކެވެ. ހަމަ އެހެންމެ ދޮންކެޔޮ، ހޯލް ގްރެއިން ކެއުމުގެ ބާވަތްތައް، ތޮޅީގެ ބާވަތްތަކާއި ބަށްޓަކީވެސް ފައިބަރު ލިބުވައިދިނުމަށް އެހީތެރި ވާނެ ކެއުންތަކެވެ.

ބަައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކެއުމުގައި ގަވައިދުން އިނގުރު، ރީނދޫ އަދި ހާއްސަކޮށް ލޮނުމެދު ހިމަނާ މީހުންނަށް ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދީފައިވެ އެވެ. މީގެ އިތުރުން، އާފަލާއި މޭބިސްކަދުރު އަދި ސިޓްރަސް މޭވާގެ ބާވަތްތަކުގައި ހިމެނޭ ޕެކްޓިން އަކީވެސް ކޮލެސްޓްރޯލް ތިރިކުރުމަށް އެހީވެދޭނެ މާއްދާއެކެވެ. ވީމާ ކެއުމުގައި ވީހާވެސް ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނޭތޯ ބަލަންވާނެ އެވެ. އަދި ހަމައެއާއެކެ ގަޑިން ގަޑިއަށް ނާސްތާތަށް ނެގުމާއި ކާއިރުގައި އެއްފަހަރާ މާގިނައިން ނުކެއުމަށް ސަމާލުވާން ވާނެ އެވެ.

ކެއުމަށް ގެނެވޭ ބަދަލުތަކުގެ އިތުރުން ހެލިފެލިވެ އުޅުމަކީވެސް ކޮލެސްޓްރޯލް ތިރިކުރުމަށް މުހިންމު ކަމެކެވެ. އެެހެނީ ކަސްރަތުކުރުމަކީ ހަށިގަނޑުގައި ހިމެނޭ ނުރައްކާތެރި ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ވީމާ ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން 30 މިނިޓު ނަމަވެސް ކަސްރަތު ކުރުމުގެ އާދަ އަށަގަނެވޭތޯ ބަލާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކަން ހުއްޓާލުމަކީ ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދޭނޭ ވަރަށް މުހިންމު ކަމެކެވެ. އެއްފަހަރާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އުނދަގޫނަމަ، ކޮންމެ ދުވަހަކު ބޯ ސިގަރޭޓްގެ އަދަދު މަދުކުރަމުން ގޮސް އެއްކޮށް ހުއްޓާލުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެއީ މަދު ކުރާ ކޮންމެ ސިގަރޭޓަކާ އެކުވެސް ސިއްހަތައް އެދެވޭ ބަދަލުތަކެއް އަންނަށް ފަށާނެތީ އެވެ.

ކޮލެސްޓްރޯލް ދަށް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދިރިއުޅުމަށް ގެނެވޭ ރަގަޅު އާދަތައް ކަމުގައި ވީނަމަވެސް، ބައެއް ހާލަތްތަކުގައި ބޭސް ބޭނުން ނުކޮށް ކޮލްސްޓްރޯލް އެދެވޭ މިންވަރެއްގައި ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެއެވެ. އެފަދަ ހާލަތްތަކުގައި ކެއުމަށާއި ހެލިފެލިވެ އުޅުމަށް ގެންނަ ބަދަލުތަކާއެކު ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ގަވައަިދުން ބޭސް ބޭނުންކުރުމަށް ސަމާލުކަން ދޭން ވާނެ އެވެ.