ވިޔަފާރި

ބިލްޑްއެކްސް މޯލްޑިވްސްގައި ހާއްސަ ސެމިނާތަކެއް ބާއްވަނީ

Aug 18, 2019

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރަސްމީ ފެއާ "ބިލްޑްއެކްސް މޯލްޑިވްސް 2019" ގައި އިމާރާތް ކުރުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހާއްސަ ސެމިނާ ތަކެއް އޮންނާނެ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލް ކުރާ ޖަމިއްޔާ އެމްއެންއޭސީގެ ބިލްޑްއެކްސް މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ބިލްޑިން އެގްޒިބިޝަން އޮންނާނީ މިމަހުގެ 22 އިން 24 އަށް ދަރުބާރުގޭގަ އެވެ.

އެމްއެންއޭސީއައި ސެކްޓެރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ ފެއާގެ ތެރޭގައި ތިން ސެމިނާއެއް އޮންނާނެ ކަމަށެވެ.

"ސެމިނާގައި ތިން ދުވަހު ސެމިނާތައް އޮންނާނެ. ފުރަތަމަ ދުވަހު ހާއްސަވާނީ ރައްކާތެރިކަމާ ބެހޭ ގޮތުން. ދެވަނަ ދުވަހު މިފެއާގެ ތީމް ކަމަށްވާ ރައްކާތެރިކޮށް ބިނާ ކުރުމާއި ދިރިއުޅުމާ ބެހޭ ސެމިނާއެއް އޮންނާނެ. ތިންވަނަ ދުވަހު ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާއި މަސީގެ ސޭފްޓީ ރެގިއުލޭޝަންއާ ބެހޭ ގޮތުން މައުލޫމާތު ދޭނެ،" އަދުނާން ވިދާޅުވި އެވެ.

ދަރުބާރުގޭގައި އޮންނަ މި ސެމިނާތަކުގައި މައުލޫމާތު ދޭނީ އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ބިލްޑްއެކްސްގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކާއި ރިސޯޓް ސަޕްލަޔަރުން ވެސް ބައިވެރިވާނެ އެވެ. ބިލްޑްއެކްސް މޯލްޑިވްސް ވެގެން ދާނީ މި ދާއިރާގައި ވިޔަފާރިތައް ބައްދަލުކޮށް ގުޅުން ބަދަހި ވެގެންދާނެ ފެއާ އަކަށެވެ. މި އަހަރުގެ ފެއާގައި ސްރީލަންކާ އާއި އިންޑިއާ އަދި ތައިލެންޑުގެ އިތުރުން ނިއުޒިލޭންޑް އާއި މެލޭޝިއާ އަދި ޔޫއޭއީ އާއި އިޓަލީއިން ބައިވެރިވާނެ އެވެ.

ބިލްޑްއެކްސް މޯލްޑިވްސް ފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިންނެވެ. މީގެ އިތުރުން އެހެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާއި ޓީޓީއެސް މޯލްޑިވްސް އަދި މޯހަން މުތާ ކޮންސްޓްރަކްޝަން އެވެ.