ދުނިޔެ

އަފްގާނުގެ ކައިވެނި ހަފްލާއެއްގައި ބޮމެއް ގޮއްވާލައި 63 މީހުން މަރާލައިފި

Aug 18, 2019

ކާބުލް (އޯގަސްޓް 18) - އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ކައިވެނި ހަފްލާއެއްގެ ތެރެއިން ބޮމެއް ގޮއްވާލުމުގެ ސަބަބުން 63 މީހުން މަރުވެ އިތުރު 180 މީހުން ޒަހަމްވެއްޖެ އެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ހަމަލާދީފައިވަނީ އެ ހަފްލާ ތެރެއަށް ވަތް މީހަކު ޖާނުން ފިދާވެގެން ކަމަށެވެ.

ނަމަވެސް، އެފަދަ ހަމަލާތައް މީގެ ކުރިންވެސް ދީފައިވާ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތާލުބާނުން ވަނީ އެ ހަމަލާގެ ޒިންމާ ނަގަން ދެކޮޅު ހަަދައިފަ އެވެ. އިތުރު ޖަމާއަތަކުން އަދި މިހާތަނަށް އެ ހަމަލާގެ ޒިންމާ ނަގާފައެއް ނުވެ އެވެ.

ޝިއާ މުސްލިމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުން އަފްގާނިސްތާނުގައި މިހާރު ވަނީ އާންމުކަމަކަށްވެފަ އެވެ. ކައިވެނި ހަފްލާއެއް ކުރިއަށްދިޔަ ހޯލެއްގައި ބޮމެއް ގޮއްވާލާފައިމިވަނީ، ކާބުލްގެ ޕޮލިސް ސްޓޭޝަނެއް ކައިރީގައި ބޮމެއް ގޮއްވާލިތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.

އެ ހަމަލާގައި 14 މީހުން މަރުވެފައިވާއިރު، 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އެމެރިކާއާއި ތާލިބާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް، އެ ފަދަ ހަމަލާތަކަށް މަޑުޖެހުމެއް ނާދެ އެވެ.