ދުނިޔެ

ޑާކާގެ ފަގީރު އަވަށެއްގައި އަލިފާން ރޯވެ ބައި ލައްކަ މީހުން މަގުމަތިވެއްޖެ

Aug 18, 2019
1

ޑާކާ (އޯގަސްޓް 18) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ފަގީރު އަވަށެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 50،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ޗަލަންތިކާ ނަމަކަށް ކިޔާ ފަގީރު އަވަށެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 15،000 އަށް ވުރެ ގިނަ ގެ އަނދާ އަޅިއަށްވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ގިނަ ގޭގޭގައި ޕްލާސްޓިކް ފުރާޅު ހުރިމުގެ ސަބަބުން އަލިފާންގަނޑު ވަނީ ބާރު ސްޕީޑުގައި ފެތުރިފަ އެވެ. އެ ހާދިސާގައި މީހެއްގެ ފުރާނައަށް ގެއްލުންވެފައިނުވި ނަމަވެސް، ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އަޟްލާ އީދަށް ރަށުން ބޭރަށް ގޮސްފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ. އަލިފާންގަނޑު ނިއްވާލަން ހަ ގަޑިއިރު ހޭދަވެފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ޑާކާގެ ތާރީހީ ސިޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.