ވިޔަފާރި

ދިރާގުގެ ސާފު ފައިދާ ދެ ވަނަ ކުއާޓާގައި ދެ ޕަސެންޓަށް ދަށަށް!

މި އަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ލިބުނު ސާފު ފައިދާ ދެ ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަދި ބަހުރެއިންގެ ބަޓެލްކޯ ހިއްސާ އޮންނަ ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓާ (ދެވަނަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައިވަނީ 181 މިލިއަން ރުފިޔާ އެވެ. މިއީ ދެ ޕަސެންޓުގެ ދަށްވުމެކެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 585.3 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓާގައި ލިބިފައިވަނީ 539 މިލިއަން ރުފިޔާ އެވެ. މިއީ އަށް ޕަސެންޓުގެ ދަށްވުމެކެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި އަހަރުގެ ސާފު ފައިދާ އާއި އާމްދަނީ ދަށަށް ދިޔަ ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް ހީނަރު ވެގެން ދިއުމާ ގުޅިގެން ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި މި ކުއާޓާގައި ލިބިފައިވަނީ 214 މިލިއަން ރުފިޔާ އެވެ.