ހަބަރު

ޒިފްލީނާ އާއި އާތިޔާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހު އައްޔަން ކުރައްވާފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ އައިޝަތު އާތިޔާ ނަސީރާއި، ޖެންޑާ މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް ގދ. ތިނަދޫ، ނީލުގެ، ޒިފްލީނާ ހަސަން އެވެ.

އާތިޔާ ނަސީރު މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން ނެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަގާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް އާތިޔާ އަދާކުރައްވާފައި ވެއެވެ.

ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޒިފްލީނާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ. އޭނާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަގާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރކަމާއި ތައުލީމީ ދާއިރާގެ ބައެއް މަގާމުތައް ހިމެނެއެވެ.