ހަބަރު

ކޮއްތުން ފެނުނީ ކާއެއްޗެހީގައި އަޅާ ޕްލާސްޓިކް ކޮޅެއް: ނަޝީދު

Aug 20, 2019
7

ރައްޔިތުން މަޖިލީހުގެ ކޮއްތުން ފެނުނީ ކާ އެއްޗެހީގައި އަޅާ ޕްލާސްޓިކް ކޮޅެއް ކަމަށާއި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޭންބެއްލެވި ތަށިން "ކޮންޑަމެއް" ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

އެކަމަށް އިޝާރަތް ކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މެންބަރުގެ ކޮއްތުން އިއްޔެ ފެނުނީ ހުރަހެއް ނޫން ކަމަށާއި އެއީ ކާއެއްޗެއްގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅެއް ކަމަށެވެ.

"އަޅުގަނޑު އޭތި ބަލާ ތަހުލީލު ކުރިން، އަޅުގަނޑާށް ފެންނަ ފެނުމުގައި އެއީ ކާއެއްޗެއްގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅެއް، އެއީ ރަނގަޅު ކަމެއް ނޫން، ކާއެއްޗެހިގެ ތެރޭގައި އެ އޮތުމަކީ މަޖިލީހުން އެދޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ އަމީންއާމް އާއި އާންމު ކޮމިޓީގެ އެހީތެރިކަމާއެކުގައި އެކަން ބައްލަވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.