ހަބަރު

ދެވަނަ ކުއާޓާގަައި ހުށަހެޅުނު 251 މައްސަލަ އޭސީސީއިން ބަލަނީ

Aug 20, 2019

މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި އެންޓި ކޮރޮޕްޝަން ކޮމިޝަަން (އޭސީސީ)އަށް ހުށަހެޅުނު 259 މައްސަލައިގެ ތެރެއިން 251 މައްސަލައެއް ބަލަން އެ ކޮމިޝަން އިން ނިންމައިފި އެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 546 މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓާ ކުރި ކަމަށާއި އޭގެ ތެރެއިން ދެވަނަ ކުއާޓާގެ ތެރޭގައި ރަޖިސްޓާ ކުރީ 259 މައްސަލަ ކަމަށެވެ. އެ މައްސަލަތައް ދިރާސާ ކުރުމަށް ފަހު ތަހުގީގު ކުރަން ނިންމާފައި ވަނީ 251 މައްސަލަ ކަމަށް އޭސީސީ އިން ބުންޏެވެ.

އެ ކޮމިޝަންއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މެންޑޭޓަށް ނުފެތޭ 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީ 44 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓާ ކުރި އިރު ދެވަނަ ކުއާޓާގެ ތެރޭގައި ރަޖިސްޓާ ކުރީ 51 މައްސަލައެއް ކަމަށް އޭސީސީ އިން ބުންޏެވެ.

އޭގެ އިތުރުން ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިހާބު އަދި ކެމްޕޭންތަކާ ގުޅޭ ޖުމްލަ 60 މައްސަލައެއް ދެވަނަ ކުއާޓާގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.