ހަބަރު

މީރާގެ ބޯޑު މެންބަރުން ސީދާ މަޖިލީހުން ވަކި ކުރެވޭ ގޮތް ހަދަނީ

Aug 20, 2019

ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ނަމަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރުން ވަކި ކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގައި ކުރިން އޮންނަ ގޮތުން މީރާގެ ބޯޑު މެންބަރެއްގެ މައްސަލަ މަޖިލީހަށް ބެލޭނީ އެ މެންބަރެއްގެ މައްސަލަ މީރާގެ ބޯޑުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުންނެވެ.

އެ ގާނޫނަށް ސަރުކާރު ފަރާތުން ހޮޅުދޫ ދައިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑު މެންބަރަކު މަގާމްގެ މައްސޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވި ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފެނިއްޖެ ނަމަ އެ މެންބަރެއްގެ މައްސަލަ ބަލައި ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ.

"ބޯޑުން މީހަކު ވަކި ކުރުމުގެ ބައި މި އިސްލާހުގައި މިވަނީ ތަފްސީލުކޮށްފައި، ކުރިން އޮންނަ ގޮތުން ބޯޑުން ވެސް މަޖިލީހުން ވެސް އެއްބަސްވާން ޖެހޭ ބޯޑު މެންބަރަކު ވަކި ކުރަން، ކުރިން އޮންނަ ގޮތުން ވަރަށް ދަތި، އެކަމަކު މިހާރު ސީދާ މަޖިލީހަށް ބެލޭނެ،" އިލްޔާސް ވިދާޅުވި އެވެ.

މީރާގެ ބޯޑު މެންބަރުންގެ އަދަދު ވެސް ބަދަލު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން މީރާގެ ބޯޑުގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. ނަަމަވެސް އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑަށް ހަތް މެންބަރުން އައްޔަން ކުރަން ޖެހެ އެވެ. އޭގެ ތެރެއިން ފަސް މެންބަރުން އައްޔަން ކުރަނީ ރައިސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ދެން ގެނައި އެންމެ މުހިންމު އިސްލާހަކީ 42 ވަނަ މާއްދާގެ (ހ) އަށެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން ދައްކަން ޖެހޭ ޓެކްސްއާ މެދު ހިތްހަމަ ނުޖެހި އިސްތިއުނާފު ކުރެވޭނީ ޖުމުލަ އަދަދު އެއްކޮށް ދައްކާ ހަލާސް ކުރުމަށް ފަހުގަ އެވެ. ނަމަވެސް އެ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން ޓެެކްސްގެ 30 ޕަސަންޓު ފައިސާ މީރާއަށް ދެއްކުމަށް ފަހު އެ މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅާ އިސްތިއުނާފް ކުރެވޭނެ އެވެ.

"މިއީ ވަރަށް މުހިންމު އިސްލާހެއް، މިހާރު އޮންނަ ގޮތުން މިސާލަކަށް އެއް މިލިއަން ރުފިޔާ ދައްކަން މީރާ އިން ބުނާއިރު ހިސާބުތަކުއް މި ދައްކަނީ ފަސް ލައްކަ ކަމަށް ދައްކަން ޖެހެނީ، އެ ވިޔަފާރިވެރިއާއަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނީ އެއް މިލިއަން ރުފިޔާ އެއްކޮށް ދައްކާފައި، އެކަމަކު އެވަރަކަށް ފައިސާ ދައްކަން ކޭޝްފްލޯގައި ފައިސާއެއް ނުހުރޭ، މިއީ ހައްލު ކުރަން ޖެހިފައި އޮތް ބޮޑު މައްސަލައެއް،" އިލްޔާސް ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދު ކުރުމަށް ވެސް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބޯޑުގެ މެންބަރުން މަގާމާ ހަވާލުވުމުގެ އެއް އަހަރުގެ ކުރިންނާއި މަގާމްގައި ހުންނަ ކޮންމެ އަހަރަކާއި ބޯޑުން ވަކިވާ ފަހުން ވެސް އެ މެންބަރެއްގެ މާލީ ހިސާބުތައް އޮޑިޓާ ޖެނަރަލްއަށް ހުށަހަަޅަން ޖެހެ އެވެ. އަދި އޮޑިޓާ ޖެނަރަލް ވެސް އެ ހިސާބުތައް ބެލުމަށް ފަހު ރިޕޯޓެއް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.