ހަބަރު

ތިން ރަށެއްގެ މަޝްރޫއުތައް ހިންގަން ހޯމް މިނިސްޓްރީގެ އެހީ

Aug 20, 2019

ތިން ރަށެއްގެ މަޝްރޫއުތައް ހިންގަން ފައިސާގެ އެހީ ދޭން ހޯމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަލީ ނަޒިރެވެ. ހޯމް މިނިސްޓްރީން އެހީދޭން ނިންމާފައިވަނީ ރ. ކިނޮޅަހު މަޝްރޫއަކަށާއި ހދ. ވައިކަރަދޫ އަދި ރ. އަނގޮޅިތީމްގެ މަޝްރޫއަކަށެވެ.

ކިނޮޅަހަށް ފައިސާގެ އެހީ ދީފައިވަނީ އެރަށުގައި ހިތްފަސޭހަމައިޒާން ހެދުމަށެވެ. އެގޮތުން ބަތޫތާ މަންޒިލް ފޭސް ދޭއް ހަދަން މިނިސްޓްރީން ދޭން ނިންމާފައިވަނީ 298،953 ރުފިޔާ އެވެ. އަދި އެރަށު ކައުންސިލުން މިމަޝްރޫއަށް 1،80،000ރ. ހަރަދު ކުރާނެ އެވެ.

މިނިސްޓްރީން ވައިކަރަދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ދެނީ އެރަށު ގަބުރުސްތާން ވަށާފާރު ރޭނުމަށެވެ. އެމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ތިންލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވައިކަރަދޫ ކައުންސިލުން އެމަޝްރޫއަށް 55،540 ރުފިޔާ ހަރަދު ކުރާނެ އެވެ.

މީގެ އިތުރުން އަނގޮޅުތީމަށް ފައިސާގެ އެހީދެނީ އެރަށުގައި މަގުބައްތިޖެހުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން 295،500 ރުފިޔާ ހަރަދު ކުރާނެ އެވެ. އަދި އެރަށު ކައުންސިލުން 180،300 ރުފިޔާ ހަރަދު ކުރާނެ އެވެ.

މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޕާކް ހެދުމާއި މަގުބައްތި ޖެހުމާއި ގަބުރުސްތާން ވަށާފާރު ރޭނުމާއި ނެރުބައްތި ޖެހުމެވެ. ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.