ހަބަރު

މަސްވެރިކަމުގެ ބިލު ބަލައިގެންފި

Aug 20, 2019
1

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމާބެހޭ ގާނޫނުގެ ބަދަލުގައި މުޅިން އަލަށް ތައްޔާރުކޮށްފައިވާ މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފި އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަނީ 14 މާއްދާގެ މައްޗަށް 1987 ގައި ގެނައި މަސްވެރިކަމާ ބެހޭ ގާނޫނަކަށެވެ. ފިޝަރީޒް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ އާ ބިލަކީ 80 މާއްދާގެ މައްޗަށް އެކުލެވިގެންވާ އަދި މަސްވެރިކަމާބެހޭ ގޮތުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ހިމަނައިގެން އެކުލަވާލާފައިވާ ބިލެކެވެ.

ސަރުކާރު ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމެވި އެވެ.

އެ ބިލުގައި ސީދާ ބޭރު ގައުމުތަކަށް މަސް ވިއްކަން ހުއްދަކޮށްފައިވެ އެވެ. އަދި އެކަމާ ބެހޭ އިޖުރާއަތްތައް ގަވައިދަކުން ބަޔާން ކުރަން ވާނެ ކަމަށް ވެސް ބިލުގައިވެ އެވެ. ބޭރު ގައުމުތަކަށް ސީދާ ވިއްކޭނީ ދިވެހި ސަރުކާރާ ދެމެދު ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމުތަކަށް ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އާ ބިލުން މަނާވާނެ ބައެއް ކަންކަން

  • ބޮޑު ދަލުގެ މަސްވެރިކަން
  • އޮޔާދާ ދަލުގެ މަސްވެރިކަން
  • ދަމާ ދަލުގެ މަސްވެރިކަން
  • އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  • ދޫކުރާ ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  • ގޮވާއެއްޗެހި ނުވަތަ ވިހައެއް އަދި އެފަދަ އެއްވެސް ކެމިކަލެއް ބޭނުންކުރުން
  • ރޮދުލުން

ބިލުގެ ބަހުސް މަރުހަލާގައި ހުރިހާ ޕާޓީތަކުގެ މެންބަރުން ވެސް ބިލަށް ތާއީދު ކުރެ އެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް އިސްލާހެއް ގޮތުގައި ބަހުސް ކުރެވުނީ މަސްވެރިންނަށް ޕެންޝަންއެއް ހަމަޖެއްސަން ބިލުގައި ހިމެނުމެވެ.