ހަބަރު

މީރާގެ ބޯޑަށް ބޮޑެތި ބަދަލުތައް ގެންނަ ބިލު ބަލައިގެންފި

Aug 20, 2019
3

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލު ބަލައިގަތުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ސަރުކާރު ފަރާތުން އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހުތައް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ.

އިސްލާހު ފާސްވުމާއެކު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް ގެންނަ އެ އިސްލާހަކީ އިންކަމް ޓެކްސް ނެގުމުގެ ކުރިން ގެންނަން ޖެހޭ އިދާރީ ބަދަލުތަކެއް ގެންނަ އިސްލާހެއް ކަމަށެވެ.

އެ އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑު މެންބަރަކު މަގާމްގެ މައްސޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވި ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފެނިއްޖެ ނަމަ އެ މެންބަރެއްގެ މައްސަލަ ބަލައި ވަކި ކުރުމުގެ ބާރު ސީދާ މަޖިލީހަށް އޮންނާނެ އެވެ. އަދި މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް ހަދައި އެ މެންބަރުންގެ ދައުރު ފަސް އަހަރަށް ހެދުން ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން ޓެކްސްއާ ގުޅޭ މައްސަލައެއް އިސްތިއުފާން ކުރަން ބޭނުން ނަމަ 30 ޕަސަންޓު ދެއްކުމަށް ފަހު އިސްތިއުނާފަށް ހުށަހެޅޭ ގޮތަށް ވެސް އެ ގާނޫނަށް އިސްލާހު ވަނީ ހުށަހަޅައިފަ އެވެ.