ވިޔަފާރި

ބިލްޑްއެކްސް މޯލްޑިވްސްގައި ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ

Aug 20, 2019
މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް އިންޓަވިއު ދެއްވަނީ-

ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ފަށާ، ބިލްޑްއެކްސް މޯލްޑިވްސްގައި ބޭރުގެ އިންވެސްޓަރުން ވެސް ބައިވެރިވާނެ ކަމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، އެމްއެންއޭސީއައިގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް އަވަސް އަށް ވިދާޅުވީ ބިލްޑް އެކްސްޕޯގައި ހަމައެކަނި ބައިވެރިވަނީ ކޮންޓްރެކްޓަރުން އެކަނި ނޫން ކަމަށާއި، އިންވެސްޓަރުން ވެސް ބައިވެރިވާނެ ކަމަށެވެ.

"މީގެ ތެރޭގައި އެބަތިބި އިންވެސްޓަރުން ވެސް، އެހެންވެ ސަރުކާރުގެ މި ބާވަތުގެ [އިމާރާތް ކުރުމުގެ] ގެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ފުރުސަތު ހުޅުވިގެންދާނެ، މީގެ އިތުރުން ސަރުކާރުގެ މުއަސަސާތަކަށް ކޮމްޕްލިމެންޓްރީ ސްޓޯލް ތަކެއް ވެސް ދީފައިވާނެ، އެހެންވެ ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެ،" އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ބިލްޑް އެކްސްޕޯ ދަރުބާރުގެ "ފުލް ހައުސް" ކޮށް އޮންނާނެ ކަމަށާއި ފެއާގެ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"ދޭން ބޭނުންވާ މެސެޖަކީ އެގްޒިބިޝަން އަށް ޒިޔާރަތް ކުރައް ވާށޭ، ވަޑައިގެން ގުޅުން ބަދަހި ކުރަށް ވާށޭ، ތިޔަ ބޭފުޅުންނަށް ކަމުދާ، ވިޔަފާރި ކުރާ ބޭފުޅުން އުޅުއްވާނެ،" އަދުނާން ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލް ކުރާ ޖަމިއްޔާ މިހާރުގެ އެމްއެންއޭސީއައި އަދި ކުރީގެ މަސީގެ ބިލްޑްއެކްސް މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ބިލްޑިން އެގްޒިބިޝަން އިންތިޒާމު ކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިންނެވެ. މެކްސް އިން ބުނީ ބިލްޑްއެކްސް ފެއާ އޮންނާނީ މިމަހުގެ 22 އިން 24 އަށް ކަމަށެވެ މި ފެއާގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކާއި ރިސޯޓް ސަޕްލަޔަރުން ބައިވެރިވާނެ އެވެ.

ބިލްޑްއެކްސް މޯލްޑިވްސް ވެގެން ދާނީ މި ދާއިރާގައި ވިޔަފާރިތައް ބައްދަލުކޮށް ގުޅުން ބަދަހި ވެގެންދާނެ ފެއާ އަކަށެވެ. މި އަހަރުގެ ފެއާގައި ސްރީލަންކާ އާއި އިންޑިއާ އަދި ތައިލެންޑުގެ އިތުރުން ނިއުޒިލޭންޑް އާއި މެލޭޝިއާ އަދި ޔޫއޭއީ އާއި އިޓަލީއިން ބައިވެރިވާނެ އެވެ.