ވިޔަފާރި

ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ދެނީ

Aug 20, 2019

ދައުލަތުގެ އާމްދަނީ ބެލެހެއްޓުން ހަރުދަނާ ކުރަން ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ، 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވޯލްޑް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ ރާއްޖެ އާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

ވޯލްޑް ބޭންކުން ދޭ 30 މިލިއަން ޑޮލަރު ދެބައިކުޅަ އެއްބަޔަކީ ހިލޭ އެހީއެވެ. އަދި އަނެއް ބައި ދެނީ ލޯނުގެ ގޮތުގަ އެވެ. އެގޮތުން ފުރަތަމަ އެއްބަސްވުމަކީ ބަޖެޓުގެ ފްރޭމްވޯކް ތައްޔާރުވާން ދޭ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) އެވެ. އަދި އަނެއް އެއްބަސްވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ގުދުރަތީ ހާދިސާތަކާއި ބަލިތަކުން ރައްކާތެރިވުމަށް މާލީގޮތުން ރާއްޖެ ބާރުވެރިކުރުވުމުގެ ގޮތުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިނުމުގެ އެއްބަސްވުމެކެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ޕަބްލިކް ފައިނޭންސް މެނޭޖްމަންޓަށް ވޯލްޑް ބޭންކުން 12 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދީފަ އެވެ.