ހަބަރު

މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާ ދިނުން ޑިސެމްބަރަށް

މިނިމަމް ވޭޖް ކަނޑައެޅުމަށް ލަފާ ދިނުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ މުސާރައާއި އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާ އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ބުނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރާއްޖޭގައި އަލަށް ތައާރަފު ކުރާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ އެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި ރޯޑް މެޕެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިނިމަމް ވޭޖްގެ މަސައްކަތްތަކަށް އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ)ގެ އެހީ އާއި ލަފާ ލިބެމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ މަހުގެ 8-10 އަށް އައިއެލްއޯގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށް ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައި ވާ ކަމަށެވެ. އަދި އެ މަސައްކަތު ބައްދަލުވުން ތަކުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރިވި ކަމަށެވެ.

އަދި، ބައްދަލުވުމުގައި އެކިއެކި މުއައްސަސާތަކުގައި ލިބެންހުރި މައުލޫމާތުތައް ދެނެގަނެ އިތުރަށް ބޭނުންވާނެ މައުލޫމާތުތައް ކަނޑައެޅުނު ކަމަށާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވި ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅާއިރު ބަލަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވެސް ބައިވެރިންނާއެކު މަޝްވަރާކުރެވިފައި ވާ ކަމަށް ބުންޏެވެ.

އިތުރަށް ބުނެފައިވަނީ، ބޯޑުގެ މަސައްކަތައް ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމްއިއްޔާއެއް ކަމަށްވާ، އިންޓަނޭޝަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީއާ ލަފާވެސް ހޯދަމުން އަންނަ ކަމަށެވެ.

"މިހާރު ބޯޑުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ، ސަރުކާރުގެ އެކި މުއައްސަސާތަކާއި އެހިނިހެން ފަރާތަކުން ލިބެން ހުރި މައުލޫމަތު އެއްކުރުން. މިގޮތުން، ބޯޑުގެ ފަރާތުން މިހާރު ވަނީ ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ކުރެވިފަ. ތަފާތު ސިނާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ޖަމާއަތްތަކުގެ މަންދޫބުންނާއި ވަޒީފާދޭ ފަރާތްތަކާއެކުވެސް ދަނީ ވަކިވަކިން ބައްދަލުވުންތައް ބާއްވަމުން،" ބަޔާނުގައި ބުނެ އެވެ.

މިހާރު ލިބިފައި ހުރި މައުލޫމާތުތަކުގެ އިތުރުން، އިތުރަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި "އެންޓަޕްރައިޒް ސާވޭ"އެއް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ބަޔާނުގައި ވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގައި، މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ރައީސް ވަނީ އެކުލަވާލާފަ އެވެ. އެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވައެވެ.