ދިވެހި ސިނަމާ

"ރޯލީމޭ" ގެ ފޭނުންނަށް މި އޮތީ ފަތޯގެ އާ ލަވައެއް: ވާށޭ މަށާ އެކީ

Aug 1, 2015

ޒުވާން ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލްފައްތާހު ނުވަތަ ފަތޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބި އާންމުންގެ މެދުގައި މަގްބޫލު އަޑަކަށް އޭނާ ބަދަލުކޮށްލީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ކާމިޔާބު ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ހިމެނި އޭނާގެ ހިތްގައިމު ލަވަ "ރޯލީމޭ" އިންނެވެ.

މި ލަވައެއްގެ މަގްބޫލުކަން ބޮޑުވި މިންވަރަކީ ވަރަށް ގިނަ ބަޔަކު ފަތޯގެ މި ލަވަ އަށް ދެވިހިފުމެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުން ޑާކް ރެއިންގެ ފިލްމު އެވަރަށް ކާމިޔާބުވުމުގެ ފަހަތުގައި ވެސް ފަތޯގެ އެ ލަވަ ކުޅުނު ރޯލު ބޮޑެވެ.

ފަހަރެއްގައި ފަތޯއާ އެކު އިތުރު މަސައްކަތެއް ކުރުމަށް ޑާކް ރެއިން އިން ޝައުގުވެރިވީ ވެސް އެހެންވެގެންނެވެ.

ކޮންމެއަކަސް "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ކާމިޔާބީ އަށް ފަހު އެ ތައްގަނޑުގައި ޑާކް ރެއިން އިން އުފައްދަމުން އަންނަ ފިލްމު "ވާށޭ މަށާ އެކީ" އަށް މި ވަނީ ފަތޯ ލައްވައި އާ ލަވައެއް ރިކޯޑްކުރުވައި އެ ލަވަ އާންމުކޮށްފަ އެވެ.

 

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ ފޭސްބުކް ޕޭޖުގައި މި ލަވަ އޭނާ ސިފަކޮށްފައި ވަނީ "ރޯލީ މޭ" ފަދައިން ފޫހިކަމެއް ނެތި ފުލުފުލުން އަޑުއަހައިލެވޭނެ އަދި ހަމަ އެގޮތަށް "ފެތުރި ކޮންޓްރޯލުން ނެއްޓިގެންދާނެ" ލަވައެއްގެ ގޮތުގަ އެވެ.

"ރޯލީ މޭ" އަކީ އޭގެ ދެވިހިފާ ފެކްޓާ ވަރަށް ބޮޑު ލަވައެކެވެ. އަދި ވަރަށް ގިނަ ބަޔަކަށް ރީތިވި ލަވަ އެކެވެ.

ނަމަވެސް އަލަށް "ވާށޭ މަށާ އެކީ" ފިލްމުގެ ތީމް ލަވައިގެ ގޮތުގައި ނެރެފައިވާ އާ ލަވަ އަކީ ހުރިހައި ގޮތަކުން ވެސް "ރޯލީ މޭ" އަށް ވުރެ ތަފާތު ލަވައެކެވެ. އެގޮތުން މި ލަވަ ރިކޯޑްކޮށްފައި ވަނީ ފަތޯ އާއި އެހަނދާނުގައި ޝޯތަކުން މަޝްހޫރުކަން ހޯދި ރިޒޫ އެވެ.

މި ލަވައިގެ ފީލް ވެސް ވަރަށް ތަފާތެވެ. "ރޯލީ މޭ" އަކީ ހިތާމަވެރި ރާގުތަކެއް ބޮލާއި ހިތުގައި ކުޅުވި ލަވައެކެވެ. އޭގެ ބަދަލުގައި "ވާށޭ މަށާ އެކީ" އަކީ އެއަށް ވުރެ މާ ބޮޑަށް ވެސް އުފާވެރި ޖަޒުބާތުތަކެއް ބަންޑުންކުރުވާ ލަވަ އެކެވެ.

ދެން އޮތީ މި ލަވަ އަށް އާންމުން ގޮތް ކިޔުމެވެ.