ހަބަރު

މެންބަރުންގެ ކޮއްތަށް ދުވާލަކަށް 13،900 އަށް ވުރެ ގިނަ ރުފިޔާ

Aug 21, 2019
5

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮއްތުގެ ގޮތުގައި ކޮންމެ ދުވަހަކު 13،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ތެރެއިން މަޖިލިސް މެންބަރުންގެ ކޮއްތަށް ހޭދަވާ ހަރަދު ސާފުކޮށްދިނުމަށް އެދިވަޑައިގެން މީހަކު މަޖިލީހުުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މަޖިލިސް މެންބަރެއްގެ ކޮއްތަށް 159.87 ރުފިޔާ ޖެހެ އެވެ.

އެ އަދަދުން ބަލާނަމަ، މަޖިލީހުގެ ހުރިހާ މެންބަރުންގެ ކޮއްތަށް ދުވާލަކަށް 13،900 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

"މި ތަނުގެ ކޮއްތައް ދުވާލަކު މަޖިލީހުގެ މެންބަރަކަށް މި ޖެހެނީ 159.87 ރުފިޔާ. އެއީ މި ތަނުގައި ބައްދަލުވުން ހިނގާ ކޮންމެ ދުވަހަކަށް. ދެން އަޅުގަނޑު ހިތުން މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮއްތުން ބައެއް އަރުވާ މި ތަނުގެ މުވައްޒަފުންނަށް ވެސް. އެހެންވީމާ އެ ޖެހޭ އަދަދަށްވުރެ ހަގީގަތުގައި މެންބަރުންނަށް ކޮއްތެއް ލިބިވަޑައެއް ނުގަންނަވާ." ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިދާރާއިން ހޭދަކޮށްގެން މެންބަރުންނަށް ކޮއްތު ދިނުމުގެ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް ރައްޔިތުންނަށާއި މަޖިލިސް މެންބަރުންނަށް ފެންނަނަމަ އެ އުސޫލަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި ދިވެހި ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ފެށުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް އޭރުގައި ވެސް ވެފައިވާ އޮތީ ހުރިހާ ބޮޑުން އެކީގައި ސައި ބޯލުން. މީގެ ކުރީންސުރެން މަޖިލީހުގައި ހިނގަމުން އަންނަ އުސޫލަކީ މަޖިލީހުގެ ތެރޭގައި ތިއްބަވާ އިސް ބޭފުޅުން މަޖިލީސް ތެރެއިން ސައިފޮދު ހިއްޕެވޭނެ ގޮތަކަށް." ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް ކޮއްތު ދިނުމުގެ އުސޫލު ބަދަލު ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ދާދި ފަހުން މަޖިލިސް މެންބަރަކު ކޭން ބެއްލެވި އެއްޗެއްގެ ތެރެއިން ޕްލާސްޓިކް ކޮޅެއް ވެސް ފެނިފައިވެ އެވެ. އެ ހަބަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް އާންމުން ވެސް ވަނީ މެންބަރުންގެ ކޮއްތަށް ބޮޑު ހޭދައެއް ކުރަން ނުޖެހޭ ކަމަށް ބުނެ ހިޔާލު ފާޅުކޮށްފަ އެވެ.