މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ކަނޑައެޅުމާއި ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް އަދިވެސް ގަބޫލު ކުރައްވާ ނަމަވެސް، އެކަން މަޖިލީހުގެ ތެރެއިން ކުރެވެންނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން އައްޔަނުކުރުމާއި ވަކިކުރުމާގުޅޭ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ޒިންމާ އަދާކުރަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުންނެވެ.
އެ އުސޫލު ބަދަލުކޮށް މަޖިލިހުގެ ގަވައިދަށް ނަޝީދު އިސްވެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ އެކަމަށް އެކުލަވާލެވޭ ސުޕަ ކޮމިޓީއަކުންނެވެ.
ނަޒާހަތްތެރި ބޭފުޅުން އެފަދަ މަގާމުތަކަށް ގެނައުމުގައި މަޖިލީސް ތަމްސީލުކުރާ ހުރިހާ ޕާޓީތަކެއްގެ ވީހާވެސް ގިނަ މެންބަރުން ޝާމިލުކުރަންޖެހޭކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ސުޕާ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ.
ނަމަވެސް، އެ ކޮމިޓީ ހަދަން ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ވަނީ ނޫނެކޭ ބުނެފަ އެވެ. ފަހު ވަގުތު ސުޕަ ކޮމިޓީން ނަޝީދުގެ ނަން އުނިކޮށްގެން ހުށަހެޅި ނަމަވެސް، އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ސުޕަ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕާ ކޮމިޓީއެއް ހަދަން ހުށަހެޅުއްވީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާ އެއްކޮށް ކޮންމެ ހަފްތާއަކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، މުޅި މަޖިލިސް ތަމްސީލުވާ ކޮމިޓީ އަކުން މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މުގައްރިރުންގެ ފަރާތުން ލަފާ ލިބިވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑަށް މިދެންނެވި ހުރިހާ މުގައްރިރުންގެ ފަރާތުން ލިބުނު ލަފަޔަކީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ހިންގުން ބުއްދިވެރިއޭ ބޭނުންތެރިއޭ. އެއީ މަޖިލީހުގެ އެއް ކޮމިޓީއެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ކަމެއްގެ ބަދަލުގައި މުޅި މަޖިލިސް އޭގައި ޝާމިލުވުމުގެ ބޭނުންތެރިކަން ބޮޑު ކަމަށް،" ނަޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނިޒާމަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ވާއިރު، އެފަދަ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ދައުރެއް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެހެންކަމުން އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރިން. އެހެން ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މިފަދަ ކޮމިޓީއެއް އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ނުފެނުނު. އެހެންކަމުން މި ދެންނެވި އިސްލާހު ގެނައުމަކީ މިވަގުތު މަޖިލީހަށް ކުރެވެން އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތް ހިންގަނީ މިނިވަން މުއައްސަސާތައް މެދުވެރިވެގެން ކަމަށްވާއިރު، އެތަންތަނަށް އައްޔަންކުރަން ފޮނުވާ ބޭފުޅުންނަށް ކޮމިޓީތަކުން މާކްސް ދިނުމުގައި އަމަލު ކުރަން ޖެހޭ ސާފު އިޖުރާއަތުތަކެއް އޮންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ނަޒާހަތްތްތެރިކަން ދެމެހެއްޓުމަކީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޒިންމާއެއް ކަމަށްވާއިރު، މަޖިލީހުގެ ގަވާއިދަށް ގެންނަޖެހޭ ބަދަލުތައް އަވަހަށް ގެނައުމާއި އާ ގަވާއިދަށް އަމަލު ކުރަން ފެށުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.