ހަބަރު

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުވައިފި

Aug 21, 2019

ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓާއެކު މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި މަޝްރޫއުތައް ތަންފީޒު ކުރަން ދަތިތަކެއް ހުރި ކަމަށެވެ.

އެކަމާ ގުޅިގެން މިއަދުގެ ވަގުތެއްގައި ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ބަޖެޓުގެ އަދަދެއް މިނިސްޓްރީން ހާމަނުކުރެ އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓި އެ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަވާލި ބަޖެޓަކަށްވީ ނަމަވެސް ބަޖެޓުގައި މި ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށާއި ބައެއް މަޝްރޫއުތައް ހިންގަން ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.

ނަމަވެސް ސަރުކާރުގެ ބައެއް މަަޝްރޫއުތައް ހިންގަން ބަޖެޓުގައި ހިމަނާފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމުން، އެ މަޝްރޫއުތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ އަހަރުގެ ފަހުކޮޅަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ބައެއް މަޝްރޫއުތަކަށް ހިމަނާާފައިވާ ފައިސާއަކީ މަޝްރޫއުގެ މަސައްކަތެއް ކުރެވޭ ވަރުގެ ފައިސާއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.