ވިޔަފާރި

ހަންކެޑެ ސިޓީ ހޮޓަލުގެ މައްސަލަ ނިމި ޓޫރިޒަމަށް

ހަންކެޑެ ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން، ކޯޓަށް ވެއްދި މައްސަލަ ނިމި އަލުން ބިޑަށް ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން، އެސެސްމަންޓް ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޖެނުއަރީ މަހު ހަންކެޑެއިގެ އެގްރީމެންޓް ބާތިލް ކުރުމާއެކު ކޯޓަށްލި މައްސަލަ ނިމި އެ ރަށް "މިނިވަން" ވެފައިވާ ކަމަށެވެ.

"ބަންޑާރަ ނައިބުގެ ލަފަޔާ އެއްގޮތަށް ބާތިލް ކުރީ. ބާތިލް ކުރި ދުވަހު ނޫން އަނެއް ދުވަހު ކޯޓަށް ދިޔައީ. މިއީ ގައުމުގެ ސިސްޓަމް ފާޑަކަށް ތަރުތީބުވެފައި އޮންނަ ގޮތަކީ. ނަމަވެސް ކޯޓުގެ މަރުހަލާތައް ނިމި އެ ރަށް މިނިވަން ވެއްޖެ،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަންކެޑެގެ މައްސަލަ ނިމުމާއެކު މިހާރު ހަދަމުން ގެންދާ ޓޫރިޒަމް އެސެސްމަންޓުގައި އެ ރަށް ވެސް ހިމަނަން ނިންމާފައިވާ ކަމަށެވެ.

"އެސެސްމަންޓް ނިމުމުން ހަންކެޑެ މަޝްރޫއު އިއުލާނު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ،" އަލީ ވިދާޅުވި އެވެ.

އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ފުރަތަމަ ހަވާލުކުރީ 9، އެޕްރީލް 2006 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކުރީ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވާ ގޮތަށެވެ.