ކަޝްމީރުގެ މައްސަލަ

މުޒާހަރާކުރާނެ ކަމަށް ބުނުމުން ކަޝްމީރުގެ މަގުތަށް ބަންދުކޮށްފި

އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދުގެ ނިންމުމެއްގެ މަތިން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އުވާލުމުން، މުސްލިމުން ހަމަނުޖެހުން ހިންގަމުންދާ ކަމަށް ބުނެ، ސިފައިން ފޮނުވައިގެން ހިންގާ ޖާރީމާތަކާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށް ބުނުމުން، ކަޝްމީރުގެ ހުރިހާ މަގުތަކެއް ސިފައިން ބަންދުކޮށްފި އެވެ.

އިންޑިއާގައި ހުންނަ އދގެ އޮފީހަށް އަމާޒުކޮށްގެން ސިފައިން ހިންގާ ޖަރީމާތަކާ ދެކޮޅަށް މުޒާހަރާކުރަން ރާވާފައިވާކަން އިއުލާންކޮށްފައިވަނީ އިއްޔެ ހުކުރު ނަމަދާށްފަހު މިސްކިތްތަކުގަ އެވެ. މިއާއެކު އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގެ ބޮޑެތި މަގުތަކާއި، ބޮޑެތި މަގުތަކަށް ދެވެން ހުންނަ މަގުތަކާއި އަދި ހުސް ބިންތަކުގައި ބެރިކޭޑް ޖަހާ އެއްވެސް މީހަކަށް ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ.

މުސްލިމުން ކަޝްމީރުގައި ހަމަނުޖެހުން ހިންގަމުންދާކަމަށް ބުނެ، މައި ސަރުކާރުން ވަނީ، ކަޝްމީރަށް 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން ސިފައިން ވަނީ ކަޝްމީރުގެ މުސްލިމުން ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދުކޮށްފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލްކުރަން ކަމަށް ބުނެ، ސިފައިން ޕެރެޓް ގަން ބޭނުން ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ގިނައީ މުސްކުޅިންނާއި ކުޑަ ކުދިންނެވެ.

މަގުތަށް ބަންދުކުރަން ކޮށްފައިވި ނަމަވެސް ކަޝްމީރުގެ ގިނަ މުސްލިމުން ވަނީ އިއްޔެ މަގުތަކަށް ނުކުމެ އެމީހުންގެ ޝުއޫރުތަށް ފާހަގަކޮށްފަ އެވެ. މުޒާހަރާކުރަން މަގުމައްޗަށް ނުކުން ޒުވާން އަންހެނެކު ބުނެފައިވަނީ، މުޒާހަރާގައި ބޭނުންކުރާނީ "ވޭކަޕް ޔޫއެން" ޖަހާފައި ހުންނަ ބެނާތަށް ކަމަށެވެ. އަންހެން މީހާ ބުނީ، މުޒާހަރާގައި އޭނާ އާއި އޭނާގެ ދަރިން ވެސް ބައިވެރިކޮށް ކަޝްމީރު މައްސަލަ ކޮޅެއްގައި ޖައްސާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ސިފައިން ވަނީ ކަޝްމީރުގެ ހޮސްޕިޓާތަކަށް ވެސް ވަދެ ނުކުމެވޭވަރު ލިމިޓް ކޮށްފަ އެވެ. އަދި ކާފިއު ހިންގާ މުވާސަލާތީ ހިދުމަތް ލިމިޓް ކޮށް ބައެއް ނޫސްތަށް ބަންދުކޮށްފަ އެވެ. ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް އުވާލީ މިމަހު ފަސް ވަނަ ދުވަހު އެވެ.

އުވާލި ކަޝްމީރަށް ހައްސަ އިމްތިޔާޒުތަށް ލިބދޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާގެ ދަށުން އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.